ބޮޑު ތިލަދުންމައްޗަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފި

ރައީސް ނައިވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ބޮޑު ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް ހއ. ދިއްދޫއާއި، ހއ. އުތީމާއި ހދ. ނާވައިދޫ އަދި ހދ. ފިނޭއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފެއްޓެވީ މިދިޔަ ހޯމަ ދުވަހުއެވެ.

އެގޮތުން އެންމެ ފުރަތަމަ ހޯމަ ދުވަހުގެ ހެނދުނު ރައީސް ވަޑައިގަތީ ނައިވާދޫއަށެވެ. ނާވައިދޫއަށް ވަޑައިގެން އެ ރަށުގައި ފެނުގެ ނިޒާމު ވަނީ އިފްތިތާހު ކޮށްދެއްވައިފައެވެ.

ހަމައެއާއެކު އެ ރަށު ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސްަ

އޭގެ ފަހުން ހޯމަދުވަހުގެ މެންދުރު ރައީސް ފިނޭ އަށް ވަޑައިގެން އެ ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމާއި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ވަނީ ހުޅުވައިދެއްވާފައެވެ. އެ ތިން މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި މިހާރު ކުރެވެމުން ދާ މަސައްކަތްތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ފިނޭއަށް ފަހު ހޯމަ ދުވަހުގެ ހަވީރު ރައީސް ދެން ވަޑައިގަތީ އުތީމަށެވެ. އެ ރަށުން ރައްޔިތުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ކިޔައި ޖާފަތެއްވެސް އަރުވާފައެވެ. ހޯމަ ދުވަހުގެ ރޭ އުތީމުގައި މަޑުކުރެއްވުމަށްފަހު އިއްޔެ ހެނދުނު ވަނީ ގައުމީ ދުވަހާ ގުޅިގެން އެރަށުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ ވެސް އުތީމުގައި އިއްޔެ ބާއްވާފައިވާއިރު ރައީސް ވަނީ ގައުމީ ދުވަސް އެބޭފުޅަކަށްޓަކައި ނިސްބަތްވާ ބޮޑުތަކުރުފާނަކީ ރާއްޖޭގެ ދާއިމީ ކޮމާންޑާ އިން ޗީފްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ގައުމީ ދުވަހުގެ ޖަލްސާއަށްފަހު ރައީސް ވަނީ 24 އަހަރު ފަހުން އުތީމުގައި ގާއިމުކުރި އާ އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ ރަށުގައި އާ މިސްކިތެއް އެޅުމަށް އަންނަ އަހަރު ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ރަސްމިއްޔާތަށް ފަހު އެ ރަށު ރުއްދަނޑުވެސް ރައީސް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ރައީސް އުތުރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން އިއްޔެ ހަވީރު ވަޑައިގަތީ ދިއްދޫއަށެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގައެވެ.

އާރުޓީއެލް ފެރީގައި ރައީސް ދިއްދޫއަށް ވަޑައިގަތުން --- ފޮޓޯ ރައީސް އޮފީސް

ރައީސް ދިއްދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. އެގޮތުން މުޅި ބަނދަރުމަތި ގައުމީ ދިދައިން ޖަރީކޮށްފައިވާ މަންޒަރު ފެނިގެންދިޔައެވެ.

ރައީސް ދިއްދޫއަށް ވަޑައިގެން ބޮޑުތިލަދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

ޖަލްސާއަށްފަހު ރައީސް ރޭ ދިއްދޫގައި މަޑުކުރެއްވުމަށްފަހު މިއަދު ވަނީ ހއ. އަތޮޅު ކައުންސިލަރުންނާއި ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ އެ ރަށު ހޮސްޕިޓަލު ބައްލަވައިލައްވައި ހއ. އަތޮޅު ތައުލީމީ މަރުކަޒު ވެސް ބައްލަވައިލައްވާފައެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

ރައީސް އުތުރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ދިއްދޫއަށް ވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ރައީސް ވަޑައިގެން އިފްތިތާހު ކޮށްދެއްވި މަޝްރޫއުތަކުން ބޮޑުތިލަދުންމައްޗަށް އައިސްފައިވާ ބޮޑު ބަދަލު ފެނިގެންދާނެ ކަމަށެވެ.

"ހަތަރު ރަށުގެ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރިއިރުވެސް އަސާސީ ބޭނުންތަށް ނުފުދިގެން ކަންބޮޑުވުންތަކެއް ނާދޭ. މިހާރު ފާހަގަކުރަނީ ހައްތަހާވެސް ތަރައްގީއަށް ކުރެވޭނެ އިތުރުކަންކަން. ސަބަބަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އާސާސީ ޚިދުމަތްތައް ހުރިހާ ރަށަކަށް ވެސް ފޯރުކޮށްދޭން މަސައްކަތް ކުރޭ،" މިއުވާން ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

މިއުވާން ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

ރައީސް ދަތުރުކުރެއްވި ބޮޑުތިލަދުންމަތީގެ ހަތަރު ރަށުގެ ރައްޔިތުންގެ މޫނުމަތިން ފެށިގެން ދިޔައީ އުޖާލާ ކަމާއި އުފާވެރިކަމެވެ. އެގޮތުން އެ ރަށްރަށުގައި އިފްތިތާހު ކުރި މަޝްރޫއުތަކަކީ ރަށެއްގެ ގޮތުގައި އެބަޔަކަށް އިތުރު ލުއިތަކެއް ލިބޭނެ އަދި މީގެ ކުރިން އުފުލި ތަކުލީފުތަކަށް ނިމުން ގެނެސްދޭ މަޝްރޫތަކެއް ކަމަށް އެ ހަތަރު ރަށުން "ސަން"އާ ވާހަކަދެއްކި މީހުން ބުންޏެވެ.

އެގޮތުން ނާވައިދޫއަށް ފެނުގެ ނިޒާމު ރަސްމީކޮށް ފެށުމުން އެ ރަށު ރައްޔިތުން ބުނި ގޮތުގައި މީގެ ކުރިން ފެން ހުސްވެގެން ކައިރީގެ ރަށްތަކަށް ފެން ބަލައި ދާން ޖެހޭއިރު އެ ތަކުލީފަށް ނިމުން އައިސްފައިވާ ކަމަށެވެ. އެކަމާ އުފާކުރާ ކަމަށް އެމީހުން ބުނެއެވެ.

ފިނޭގައި ފެނާއި ނަރުދަމާ އާއި 18އަހަރު ފަހުން އާ އިންޖީނު ގެއެއް ހުޅުވުމަކީ އެ ރަށުގެ އަސާސީ ބޭނުންތަށް މުޅިހެން ފުދިގެން ދިޔަ ކަމެއްކަމަށް އެ ރަށުން މި ނޫހާ ވާހަކަދެއްކި މީހުން ބުންޏެވެ.

ހދ. ނާވައިދޫގައި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހަމައެގޮތަށް އުތީމުގައި 24އަހަރު ފަހުން މުޅިން އާ އިންޖީނުގެއެއް ހުޅުވުމަކީ އެ ރަށު ރައްޔިތުން ގިނަ އަހަރުތަކެއް ވަންދެން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށް އުތީމުން "ސަން"އާ ވާހަކަދެއްކި މީހުން ބުންޏެވެ. އެގޮތުން ކުރީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެ ހުންނާތީ ވާ އުނދަގޫ މިހާރު ނުވާނެ ކަަމަށް އެ ރަށު މީހުން ބުންޏެވެ.

މީގެ އިތުރުން އާރުޓީއެލް ފެރީގެ ނިޒާމާ ދޭތެރޭ ދިއްދޫ ރައްޔިތުން ބުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކު ޖީބަށް ލުއިވާގޮތަށް ދަތުރުތައް މިހާރު ކޮށްލެވޭ ކަމަށެވެ. ކުރިން ބޮޑު އަގުގައި 400 ރުފިޔާ ދީގެން ކުރި ދަތުރުތައް މިހާރު 75 ރުފިޔާއަށް ނުވަތަ 100 ރުފިޔާއަށް ކުޑަވެފައިވާ ކަަމަށް އެ ރަށު މީހުން ބުންޏެވެ.

އުތުރުގެ އެ ހަތަރު ރަށަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ވަރަށް ފަހުން މ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ރައީސް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

comment ކޮމެންޓް