ބޮޑުތަކުރުފާނުގެ ކިބައިގައި ހެޔޮލަފާ ވެރިއެއްގެ ހުންނަންޖެހޭ ހުރިހާ ސިފައެއް ހުރި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި: ބޮޑު ތަކުރުފާނުގެ ކިބައިގައި ހެޔޮލަފާ ވެރިއެއްގެ ހުންނަންޖެހޭ ހުރިހާ ސިފައެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ/ ހޯމް މިނިސްޓްރީ

ހެޔޮލަފާ ވެރިއެއްގެ ހުންނަންޖެހޭނެ ހުރިހާ ސިފައެއް ބޮޑުތަކުރުފާނުގެ ކިބައިގައި ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި އިމްރާން ވިދާޅުވީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާ ކުރުމުން ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ފުރިހަމަ ހުރިހާ ސިފައެއްގެ މިސާލު ވަރަށް ރީތިކޮށް ފެންނަން ހުންނާނެކަމަށެވެ.

އިމްރާން ވިދާޅުވީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތް ދުވަސްވަރަކީ އަނިޔާވެރި ދުވަސްތަކެއް ކަމަށެވެ. އެ އަނިޔާވެރިކަން ސިފަކުރަން އިހުގެ ދިވެހިން ބޭނުންކުރި އެންމެ އަސަރުގަދަ އެއް އިބާރާތަކީ "ދިވެހި ދަރިންގެ ލެއިން ދިވެހި ކަނޑުތައް ރަތްވެގެން ދިޔަ ދުވަސްވަރު" ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ ހާލަތުގަައި ރާއްޖެ އޮއްވައި، ރާއްޖޭގެ އެންމެ އުތުރުގެ އެންމެ ކުޑަ އެއް ރަށް ކަމަށްވާ އުތީމުން ނެރެދިން ބަތަލަކީ ދުނިޔޭގެ ތާރީޚުގައިވެސް އާދަޔާ ހިލާފު ޖިހާދެއް ކުރެއްވި ކޮމާންޑަރެއްކަމަށެވެ.

"ބޮޑުތަކުރުފާނަކީ އާދަޔާ ހިލާފަށް ހެވިކަމާ ނެވިކަން ދަސްކުރައްވައިގެން ހުންނެވި އަދި އެ މައިދާނަށް ނިކުންނެވި ކޮމާންޑަރެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ބޮޑުތަކުރުފާނަކީ އިސްނެންގެވުމާއި ކެރިވަޑައިގަތުމާއި ޖެހިލުން ކުޑަ ކަމުގެ ސިފަ ލިބިވަޑައިގެން ހުންނެވި ވަރުގަދަ ލީޑަރެއްކަމަށެވެ. އަދި އެއީ އިލްމުވެރިކަމާއި ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި އޯގާވެރިކަން އިސްކުރެއްވި ރަސްކަލެއްކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތު އެންމެ ފުރިހަމަ ކަމާއެކު ގެންގޮސްދޭންޖެހޭނަކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ގައުމިއްޔަތު ގައުމިއްޔަތެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ މިއަދުގެ ޖީލުން ދިވެހި ގައުމުގެ ބަހާތައް ފުރިހަމަ ގޮތުގައި ނަގަހައްޓައި ދަމަހައްޓައިގެން،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމެއް ތަރައްގީވެ ކުރިއަރައި ދާނީ އެ ގައުމެއްގެ ދަރީން ބިނާކޮށް ތަރުބިއްޔަތުކޮށް މީހުންނަށް ހަދައިގެން ކަމަށެވެ. މީހުން ބިނާކުރުމުގައި ބޮޑުތަކުރުފާނު ގެންގުޅުއްވި ފަލްސަފާއަކީ ވެސް އެއީކަމަށް އިމްރާން ވިދާޅުވިއެވެ.

އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

https://sun.mv/168617

އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކައިގައި، ބޮޑުތަކުރުފާނަކީ ރާއްޖޭގެ ދާއިމީ ކޮމާންޑާ އިން ޗީފްގެ ގޮތުގައި ސިފަކުރެއްވިއެވެ.

comment ކޮމެންޓް