މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީޚު: ރައީސް ޞާލިޙު

ގައުމީ ދުވަހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީޚު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ތިމާމެންނަކީ ކޮންތާކު އަދި ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭ ކަމަށެވެ. އަދި ތާރީޚާއި ސަގާފަތާއި އާސާރުތައް ދެމެހެއްޓެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތީމަށް ވަޑައިގެން ވާހަކަ ދައްކަވާއިރު، އެ ރަށުގައި ހުރި ކިތަންމެ މުއްސަނދި އާސާރަކަށް އިހުމާލުވެ ނެތިގޮސްފައިވާ ކަމުގެ ހިތާމަވެރި ވާހަކަ ފާހަގަކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އުތީމު ގަނޑުވަރު ނޫނީ ދިވެހި ގައުމިއްޔަތު ދައްކުވައިދޭ އެފަދަ އާސާރެއް ނުވަތަ ހަނދާނެއް އަދި ތާރީޚީ ބިނާއެއް މިހާރު ނެތޭވެސް ދެންނެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަޅުވަކަރު މިސްކިތް އަތުޖެހިފާ އެވަނީ ކުރި ވަރަށް ބުރަ މަސައްކަތުން. ސަލްޓަން ޕާކްގާ ހުރި އުސްގެކޮޅު އޮތީ އެލިސްޓަށް އަރާފަ. މާލޭގައި ހުރި ތާރީޚީ ބިނާތަށް މާލެތެރޭގާ ގިނަވެ ބިކަވެ އެގޮތް މިގޮތްވެގެން ދިޔަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީޚީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ރާއްޖެއަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށާއި ވަކި ސިޔާސަތަކާއެކު މި ސަރުކާރުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

ގައުމީ ދުވަހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކުޑައެއް ބޮޑެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ އަދި ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލުވެވޭނެ އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑު ބޭނުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑު ތަކުރުފާނުގެ މުޅި ހަޔާތްޕުޅުން ފެނިގެން ދިޔަ އެންމެ މުހިންމު ކަމަކީ ގައުމިއްޔަތަށް އޮތް ލޯބިކަމަށެވެ.

އުތީމުގައި މިއަދު ގައުމީ ދުވަހުގެ ޖަލްސާ ބާއްވައިފައިވާއިރު، މިއަދު ހެނދުނު ވަނީ ގައުމީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު ވެސް ބާއްވާފައެވެ.

comment ކޮމެންޓް