ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތައް ފުނިޖެހިފައި، މަޖިލީހުން މައްސަލަ ބަލަނީ

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ދިގުލައިގެން ގޮސް، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބަލަން ފަށައިފިއެވެ.

އިތުބާރުހުރި ފަރާތަކުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ޓްރައިބިއުނަލްގައި މި ވަގުތު 2019ވަނަ އަހަރުން ފެށިގެން ހުށަހަޅާފައި ހުރި 19 މައްސަލައެއް ނުނިމި އެބަހުއްޓެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުގެމަތިން ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅޭތާ 180 ދުވަހުގެ ތެރޭ އެމައްސަލައެއް ބަލައި ނިންމަން ޖެހެއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ޓްރައިބިއުނަލަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަތައް ނުނިމުމުން، މައްސަލަތައް ނިންމާނެ އިތުރު މުއްދަތެއް ކަނޑައެޅުމަށް ބައްދަލުވުމެއް ވެސް ނުބާއްވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި އެދިފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މި ވަގުތު ހިމެނެނީ ގާނޫނީ ދާއިރާގެ ތިން ބޭފުޅަކާއި، އެކައުންޓިން ދާއިރާގެ ބޭފުޅަކާއި، ޓެކްސްގެ ދާއިރާގެ ބޭފުޅެކެވެ.

ޓްރައިބިއުނަލްގެ ރައީސްއަށް 33،000ގެ މުސާރައެއް ލިބޭއިރު، މެންބަރުންނަށް 26،000 ރުފިޔާގެ މުސާރައެއް ލިބެއެވެ.

އެ ޓްރައިބިއުނަލްގައި މީގެ ކުރިންނާއި، މިހާރު މަސައްކަތްކުރި މުވައްޒަފުން ބުނި ގޮތުގައި މައްސަލަތައް ނުނިމި ދިގުލައިގެން ދަނީ ޓްރައިބިއުނަލްގެ މެންބަރުން ތަނުގެ އިދާރީ މަސައްކަތްތަކުގައި މާބޮޑަށް ޝާމިލުވާތީއެވެ. އެއާއެކު، ޓްރައިބިއުނަލްގެ އަސްލު މަސައްކަތްތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް އެ މުވައްޒަފުން ބުނެއެވެ.

"މުވައްޒަފުން ވަރަށް ހިތްހަމަ ނުޖެހިފައި ތިބީ، ބައެއް ކުދިން މިހާރު ކެނޑިގެން ވެސް ހިނގައްޖެ،" މުވައްޒަފަކު ބުންޏެވެ.

މިކަމާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަސްމީ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

comment ކޮމެންޓް