މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި އިންޑަސްޓްރީ ޕާޓްނަރުން ގުޅިގެން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ލިބެންހުރި ޑައިވިން ފުރުސަތުތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓް، 'އެޑެކްސް 2022'ގައި ޕްރޮމޯޓްކުރަން ފަށައިފިއެވެ.
އެ ހަރަކާތް ކުރިއަށް ދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި މިއަދުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށެވެ.
އެމްއެމްޕީއާރްސީން ބުނީ މީގެ 26 އަހަރު ކުރިން ބާއްވަން ފެށި އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޑައިވް އެކްސްޕޯ ކަމަށެވެ. އަދި އެއީ ޑައިވް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެހެންވެސް ޒިޔާރަތްކުރަން ޖެހޭ ހަރަކާތެއްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އެޑެކްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ވީއައިޕީންނާއި ސްޕީކަރުންނާއި ސައިންސްވެރިންނާއި، ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި، ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނާއި، އަދި އެހެނިހެން ފަރާތްތައް އެއްތަނަކަށް ބައްދަލުވުމަށް މަގުފަހިކޮށްދޭކަން އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ. އަދި އެއީ ޑައިވް އޮޕަރޭޓަރުންނާއި، އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެއް ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ އިވެންޓުގައި ރާއްޖޭގެ ހަ ކުންފުންޏެއްގެ 11 ބައިވެރިން ހަރަކާތްތެރިވެ، އެ ކުންފުނިތަކުގެ ހިދުމަތްތައް ޕްރޮމޯޓްކުރަމުންދާނެ ކަމަށެވެ.
އެ އިވެންޓްގައި، އެމްއެމްޕީއާރުސީން ޑައިވިންއަށް ހާއްސަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ޕްރޮމޯޓުކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި ރާއްޖޭގެ އުފެއްދުންތަކާއި (ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑްތަކާއި)، ތަފާތު ތަޖުރިބާތައް، ހާއްސަކޮށް ޑައިވް އަދި ވޯޓާ ސްޕޯޓްސްއާ ގުޅޭ ތަޖުރިބާތަކާއި، ކަނޑުއަޑީގެ ރީތިކަން ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށް ދައްކާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީން ބުނީ 2022 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން 18،489 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފައިވާ ކަމަށެވެ.
އޭގެތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ބާއްވާފައިވާކަން އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ހިންގާފައިވާ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.