ދިއްފުށީ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ދޭން ފަށައިފި

ކ. ދިއްފުށީގައި ލެބޯޓްރީގެ ޚިދުމަތް ފެށުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ކ. ދިއްފުށީ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.

އެ ރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ.

ދިއްފުށީގައި ޚިދުމަތް ދޭން ފެށި މި ލެބޯޓްރީގައި އާއްމުކޮށް ހެދޭނެ ޓެސްޓުތަކުގެ ތެރޭގައި ޝުގާ ޕްރޮފައިލް، ލިޕިޑް ޕްރޮފައިލް، ރީނަލް ޕްރޮފައިލް ހިމެނެއެވެ. މީގެ އިތުރުން ލިވާ ޕްރޮފައިލް، ކާޑިއެކް ޕްރޮފައިލް، އިލެކްޓްރޮލައިޓްސް، ބޯން ޕްރޮފައިލް، ސީރޮލޮޖީ ޓެސްޓް، ކޮންޕްލީޓް ބްލަޑް ކައުންޓް ޓެސްޓް ވެސް މި ލެބޯޓްރީން ހެދެއެވެ.

ހެލްތް މިނިސްޓްރީން ބުނީ އޭގެ ސަބަބުން ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ލޭމައްޗަށް ދާ ބަލީގެ އިތުރުން ކިޑްނީ މައްސަލަތައް ދެނެގަތުމަށް ފަސޭހަވެ، ކުރިޔާލާ ބަލި ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރަށް ރާއްޖޭގައި އާއްމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާ ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ވަރަށް އަވަސް މުސްތަގްބަލެއްގައި ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން ތެލެސީމިއާ ކުދިންނަށް ލޭ އެޅުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.

ލެބޯޓްރީގެ މި ޚިދުމަތާއެކު އެމަޖެންސީ ހާލަތުގައި ކުއްލި ފަރުވާ ލިބޭނެ ނިޒާމެއް ވެސް ގާއިމުކުރެވި މިއަދު ވަނީ ހުޅުވާފައެވެ.

ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށުމާ ގުޅޭގޮތުން ދިއްފުށީ ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސް، ހުސައިން ރަބީޢު، "ސަން"އަށް ވިދާޅުވީ އެ ޚިދުމަތް ފެށުމުގެ ކުރިން އެންމެ އާދައިގެ ޓެސްޓެއް ހަދަން ޖެހުނަސް ފޮނުވަން ޖެހެނީ މާލެ، ނޫނީ ތުލުސްދޫއަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެއިން ކޮންމެ ފަހަރަކު ރައްޔިތު މީހާގެ ޖީބުން ގާތްގަނޑަކަށް 700 ރުފިޔާއާއި 1،000 ރުފިޔާގެ ޚަރަދެއް ހިނގާ ކަމަށެވެ.

އޭނާ ވިދާޅުވީ ލެބޯޓްރީ ހުޅުވުމުން އަމިއްލަ ރަށުގައި ތިބެގެން އާއްމު ހުރިހާ ޓެސްޓްތަކެއް ހެދުމުގެ ފުރުސަތު ހުޅުވި، ރައްޔިތުންނަށް އުފާވެރިކަން ގެނުވައިފި ކަމަށެވެ.

"މިތަނުގައި އީއާރު މިހާރު އެވަނީ ގާއިމު ކުރެވިފައި. މިއަދު ލެބޯޓަރީ ހުޅުވުމަށްފަހު، އެމަޖެންސީ ރޫމްގެ ޚިދުމަތް ލިބޭ ފެންވަރަށް ސެޓަޕް ވެސް އެވަނީ ހަދާ ނިމިފައި. އެހެންވީމަ ރާއްޖޭގެ އާއްމުކޮށް ގެންގުޅޭ އެންމެ ޒަމާނީ އިކުއިޕްމެންޓްސް ބޭނުންކޮށްގެން މި ތަނުގައި މިހާރު އެމަޖެންސީ ފަރުވާ ދެވޭނެ،" ރަބީޢު ވިދާޅުވިއެވެ.

ދިއްފުށީގައި ލެބޯޓްރީއެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެއްކަން ފާހަގަ ކުރައްވައި ރަބީޢު ވިދާޅުވީ ދައުރު ނިމުމުގެ ކުރިން އެ ވައުދު ފުއްދަވައިދެއްވި ކަމަށް ޓަކައި ދިއްފުށީ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

comment ކޮމެންޓް