ގާސިމްގެ ޝަކުވާ! ކޯލިޝަން އެއްބަސްވުމުގެ 90 ޕަސެންޓް ތަންފީޒު ނުވޭ

ގާސިމް އިބްރާހީމް ރައީސް ޞާލިހުއާ ސަލާމް ކުރައްވަނީ-- ސަން ފައިލް ފޮޓޯ

މިސަރުކާރު ގެނައުމަށް އެކުލަވާލި ކޯލިޝަންގެ އެއްބަސްވުމުގައި ބުނެފައިވާ ކަންކަމުގެ ތެރެއިން 90 ޕަސެންޓް ތަންފީޒު ނުވާ ކަމަށް، އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަން ހަދަނީ ވެރިކަން ކާމިޔާބު ކުރަން ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށް ފަހު ކޯލިޝަން މަތިން ހަނދާން ނެތޭ ކަމަށެވެ.

"ވެރިކަން ލިބުނީމަ ވެރިކަން ލިބުނު ޕާޓީން ވެރިކަން ކުރަމުން ދަނީ ކޯލިޝަން އޮތުމެކޭ ނެތުމެކޭ އެއްގޮތަށް،" ގާސިމް ވިދާޅުވިއެވެ.

ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން ރަސްމީ ސިފައެއްގައި ކޯލިޝަނެއް ނެތް ވާހަކަ އިއުލާނު ނުކުރި ނަމަވެސް އެއްބަސްވި ގޮތާ ގާތް ކުރާ މިންވަރަށް ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ޕާޓީއަކާ އެކު ކޯލިޝަން ހެދި ނަމަވެސް އެއީ ކަން އޮންނަ ގޮތް ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު މިދިޔަ ދެ ސަރުކާރާ އަޅާބަލާފައި ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ 90 ޕަސެންޓް ވެސް ފުލްފިލްނުވާ ކަން. އެންމެ 10 ޕަސެންޓް ފުލްފިލްވެފައި މިވަނީ. ނަމަވެސް މި ސަރުކާރު އެހެން ސަރުކާރުތަކަށް ވުރެ ރަނގަޅު،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނަން ދެން ކޯލިޝަން ދެމި އޮންނާނެ ކަމާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އެއްވެސް އިތުރު ޕާޓީއަކާ އެކު ކޯލިޝަންގެ މަޝްވަރާއެއް އަދި ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އޮތް ކޯލިޝަން ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ދެވަނަ ޕާޓީ އަކީ ޖޭޕީއެވެ. ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހްލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދިނުމުގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް އެބަތިއްބެވެ.

comment ކޮމެންޓް