އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ފުލުހުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ--- ފޮޓޯ/ ރައީސް އޮފީސް

އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ ފަނާވެ ހަލާކުވުމުގެ މުޖުތަމައެއް ކަމުގައި ވެގެންދާކަމަށެވެ.

އެ މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާބަޔަކު ކޮންމެ މުޖުތަމައެއްގައި ވެސް ދިރިއުޅެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި އެ މަސައްކަތްކުރުމުގެ މަރުހަލާތަކާއި ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެ ބައެއްގެ ބޮލުގައި އެޅިފައިވާ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުންކަމަށް އޭނާ ވިދާޅުވިއެވެ.

މި މުޖުތަމައުގެ އަދުލުވެރިކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން މި މުޅި މުޖުތަމައަށް ކަށަވަރުކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުންގެ ސަފުކަމަށާއި މި ސަފުގައި ތިބޭ ކޮންމެ ފަރާތެއް ވެސް އެ އަދާކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެ އަދާކޮށްދެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާކަމަށާއި އެ ޒިންމާއަށް ރައްކާތެރިވުމަކީ ހެޔޮ މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ/ ރައީސް އޮފީސް

ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވައި ޚިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރެއިން ކުރަންޖެހޭ ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެ ޚިދުމަތަށް އިހުތިރާމާއި ލޯބިކޮށް ގަދަރުކުރުމަކީ އެ މުޖުތަމައުގެ އަފުރާދުންގެ ޒިންމާއެއް ކަމަށާއި ހުރިހާ ދިމާއަކުން މިކަން ފުރިހަމަ ނުވާކަމަށް ވާނަމަ އެ މުޖުތަމައެއްގެ ތެރޭގައި އޮންނަންޖެހޭ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ސިފަތައް ފުރިހަމަނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާއަށް، ރައްޔިތުންގެ މުއައްސަސާއަށް، ރައްޔިތުންގެ ކަރާމާތަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޚިދުމަތް ކުރުމުގައި 25 އަހަރު ދެމިތިބުމަކީ ވަރަށް ބޮޑުކަމެއް ކަމަށެވެ. މީގެ އިތުރުން ގައުމެއްގެ ހަޔާތުގައި ހަތަރު ޖީލުގެ މަސައްކަތްކަމަށާއި އެ ޚިދުމަތް އެ ގޮތުގައި ފުރިހަމައަށް އަދާކޮށް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކޮށް ގެންގޮސްދޭ ކަންކަން ބަލައިގަތުމަކީ އެބައެއްގެ ތެރޭގައި އޮތް ކުރިއެރުމުގެ ތަސައްވަރު ފުރިހަމައަށް ހާމަކޮށްދޭ ކަމެއް ކަމަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގައި ކުރިއަރައިގެންދާ ގައުމުތަކުން ކުރިއަރައިގެންދަނީ އެފަދަ ޚިދުމަތްތައް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރެވޭއިރު އެއް ޖީލަށްވުރެ އަނެއް ޖީލުގެ ޚިދުމަތް ފުރިހަމަ ކުރާނެ މަގުތައް ކޮށައިދީ ދައްކައި ދިނުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން މި މުޖުތަމައުގައި ގާއިމު ކުރުމަށްޓަކައި އިސްކުރުމަށް ފުލުހުންގެ ބޮލުގައި އެ ޒިންމާ އަޅުވާފައި ތިބުމަކުން ނުވާނެ ކަމަށެވެ. އަނެއްކޮޅުން ފުލުހުން އެ ޒިންމާ އެންމެ ހެޔޮގޮތުއި އަދާ ނުކުރުމަކުން ވެސް ނުވާނެކަމާއި، ކާބަފައިންގެ ދުވަސްވަރުއޮތް އަމަންއަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. އަދި ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގެ އާއްމު މުވައްޒަފުންނަށް ވެސް ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބު ރައީސްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެއްސީ، 2001 ސެޕްޓެމްބަރު އެކެއްގައެވެ.

comment ކޮމެންޓް