ތިނަދޫން 80 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

ހައްވަހަންތަ --

ގދ. ތިނަދޫން 80 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ތިނަދޫން ގެއްލިގެން ހޯދަނީ އެރަށު ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ)، 80 އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލް މެމްބަރު އާމިނަތު ނަސީމާ ވިދާޅުވީ ހައްވަހަންތަ އެންމެ ފަހުން ފެނުނީ ރަށުގެ ކުނިގޮނޑާ ވީ ދިމާލަށް ދަނިކޮށް މިއަދު ހަވީރު 3:45 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްވަހަންތައަކީ އާންމުކޮށް އަސުރު ނަމާދުފަހުން ބޭރުތެރެއަށް ނުކުމެ ހިނގާ ހަދާމީހެކެވެ. އަދި އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ މިއަދު މަޣްރިބް ނަމާދަށް ގެއަށް ނައުމުންކަމަށް ވެސް ނަސީމާ ވިދާޅުވިއެވެ.

"އަބަދު ވެސް ހިނގާ ހަދާނެ އެކަނިވެސް. އެހެންނޫނީ މަޣްރިބް ނަމާދަށް ގެއަށް އަންނަ ގަޑިއަށް ނައީމަ މިއަދު ހޯދަން ފެށީ،" ނަސީމާ ވިދާޅުވިއެވެ.

ނަސީމާ ވިދާޅުވީ ރަށުގެ ކުދިބޮޑު އެންމެން ހައްވަހަންތަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު ރަށުގެ ބަޑު ސަރަހައްދެއް ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޅުތަކާއި ގިފިލިތަކާއި ހުރިހާތަނެއް ބަލަނީ އަޅުގަނޑުމެން މި ހަމަ. އަދި ހައްވަހަންތަ ހޯދުމުގެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް