މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު -- ފޮޓޯ: ރޮއިޓާސް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދަށް ކޮވިޑް ޖެހުމުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

މަހާތިރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ މިއަދު ހެނދުނެވެ. އެހެންކަމުން މަހާތިރުގެ މެޑިކަލް ޓީމްގެ ލަފާގެ މަތިން އޭނާ ވަނީ ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި ބާއްވާފައި ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް މަހާތިރުގެ ހާލަތާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އެ އޮފީހުން ހާމަނުކުރެއެވެ.

މަހާތިރު ބާއްވާފައި ވަނީ ކުއަލަލަމްޕޫރުގައި ހުންނަ، ހިތުގެ ބަލިތަކަށް ހާއްސަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައެވެ.

މަހާތިރު މީގެ ކުރިން ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށް މެލޭޝިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާރު 91 އަހަރު ވެފައިވާ މަހާތިރުގެ ހިތުގެ މައްސަލަތަކެއް ހުރެއެވެ. އޭގެ ސަބަބުން މިދިޔަ ޖެނުއަރީ މަހު ވެސް އޭނާ ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

މަހާތިރު ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެއީ 1981އިން 2003އަށް އަދި ފަހުން 2018އިން 2020ށެވެ.

ދެހާސް އަށާރަ ވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ އޭރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ފެންމަތިވެ، އޭނާގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައި ގައުމުގެ އާންމު އިންތިހާބުން ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިގެންނެވެ.

މަހާތިރު ބޮޑުވަޒީރު ކަމަށް ވާދަކުރެއްވީ އޭނާގެ ކުރީގެ ނައިބު، އަންވަރު އިބްރާހިމްގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ބޮޑުވަޒީރުކަމާ ހަވާލުވީ ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް އަންވަރު ވެރިކަމަށް އިސްކުރުމާ ދެކޮޅު ހަދައި، އިދިކޮޅު އުމްނޯއާއެކު އާ ކޮލިޝަނެއް ހެދުމާ ބެހޭ ގޮތުން ފެބްރުއަރީ 2020ގައި މަޝްވަރާތަކެއް ބޭއްވިއެވެ. ނަމަވެސް ނަޖީބު ރައްޒާގު ހުންނަވާ އުމްނޯއާއެކު ކޯލިޝަން ހަދަން މަހާތިރު ދެކޮޅުހެއްދެވިއެވެ. އަދި އެ މަޝްވަރާތައް ބޭއްވި ދުވަހުގެ ޖެހިގެން އައި ދުވަހު މަހާތިރު އިސްތިއުފާދެއްވިއެވެ.

comment ކޮމެންޓް