ގްރީން ޓެކްސް ނެގުމަށް ބޭނުންވާ އިސްލާހު މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން ހުށަހަޅާނެ

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމުގެ ކުރިން މަޖިލީހަށް ފޮނުވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ އިސްލާހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އަދި މަޖިލީހުގެ އައު ދައުރު ފެށުމުގެ ކުރިން އެ އިސްލާހު ފޮނުވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ގްރީން ޓެކްސް ނެގުން ހުއްޓިފައިވަނީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ މަގްސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.

ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނި ވެސް ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 254 މިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެއެވެ. އެއީ އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 4.8 އިންސައްތައެވެ.

comment ކޮމެންޓް