ޕޯސްޓްމޯޓަމް ހެދުމަށްފަހު ޝިއާއުގެ ހަށިގަނޑު މާލެ ގެނެސްފި

ހ.ޝީރީންވިލާ ގޭގެ ތެރޭގައި މަރާލާފައި އޮތްވައި ފެނުނު ޝިއާއުގެ ހަށިގަނޑު ބޮޑީ ބޭގުގައި: ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިރޭ ވަނީ މާލެ ގެންސްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޏ. ފުވައްމުލައް، މާދަނޑު، ކުރި، ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ހަށިގަނޑު މާލެ ގެނެސްފިއެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. އޭނާ މަރާލުމުގެ އިތުރުން އޭނާގެ އަތާއި ފަޔާއި ކަރު ވެސް އޮތީ ބުރިކޮށްލާފައެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިއަދު އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނު އިރު، ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އެ ހާދިސާ ހިނގި ރޭ އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ އެރޭ ދަންވަރު 1:25 ގައެވެ.

އެ މައްސަލައިގައި ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޝިއާއުގެ ހަށިގަނޑު އެރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން އެރޭ މައުލޫމާތު ދިން ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގި އެންމެ ރަހުމު ކުޑަ އެއް މަރެވެ.

comment ކޮމެންޓް