އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ހިމެނޭ ދެ މީހަކަށް އުމްރާއަށް ދިއުމުގެ ހުއްދަ ފުލުހުން ދީފި

އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ފާހިޝް އަމަލު ހިންގި ކޮޓަރި

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހިމެނޭ ދެ މީހަކު އުމުރާއަށް ދިއުމުގެ ހުއްދަ ފުލުހުން ދީފިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގެ ތަހުގީގެ ތެރެއިން މީހުން ދެނެގަނެ އެމީހުންގެ ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން އުމުރާގެ އަޅުކަން އަދާކުރަން ދިއުމުގެ އިންތިޒާމުތައް ކުރިންވެސް ހަމަޖައްސާފައިވާ ދެ މީހަކަށް ފުރުމުގެ ވަގުތީ ހުއްދަައެއް ދީފައިވާކަމަށެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ލީކުކޮށްލާފައިވާއިރު، ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ.

އެ ތަހުގީގުގައި ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހޯދައި އެމީހުން ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ފުރާފައިވާކަމަށް މިއަދު ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހުންގެ މައްސަލަތަކުގެ ތަހުގީގު ދަނީ ކުރަމުން ކަމަށާއި ތަހުގީގު ތެރެއިން އެމީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ދަަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ މިހާރު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކަށް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެންމެފަހުން ސަސްޕެންޑުކޮށްފައި ވަނީ ސިފައިންގެ މީހެކެވެ.

comment ކޮމެންޓް