ޖޯޖީނިއޯގެ ޕެނަލްޓީން މޮޅުވެ، ޗެލްސީގެ ފެށުން ރަނގަޅުކޮށްފި

އިނގިރޭސި ޕްރެމިއާ ލީގުގެ އެވެޓަން އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން---

ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީއާއި އެވަންޓަން ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން ޗެލްސީން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން، ޗެލްސީގެ މޭސަން މައުންޓް ވަނީ އެވަޓަންގެ ޕެނަލްޓީ އޭރިއާ ބޭރުން ގޯލަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާގެ ހުރަހަކަށްވީ އެވަޓަންގެ ހުށިޔާރު ގޯލްކީޕަރު ޖޯއި ޕިކްފޯޑްއެވެ.

މީގެއިތުރުން، މެޗުގެ 43ވަނަ މިނެޓުގައި ޗެލްސީގެ އެންގޯލޯ ކާންޓޭ ވެސް ވަނީ އެވަޓަންގެ އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލަށް ފޮނުވާލައިފައެވެ. އެ ބޯޅަ ވެސް ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީއަކީ ޗެލްސީގެ ބެން ޗިލްވެލްއަށް އެވަޓަންގެ ޑިކޯރޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނަލްޓީގެ ބޭނުންހިފައި ޗެލްސީގެ ޖޯޖީނިއޯ ވަނީ މެޗުގެ ލީޑު ނަގައިދީފައެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ވަނީ ހަތް މެޗެއް ކުޅެފައެވެ. ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ތާވާލްގެ އެއްވަނައިގައި ޓޮޓެންހަމް އޮތްއިރު ދެވަނައިގައި ބޯންމައުތު އަދި ތިންވަނައިގައި ވަނީ އާސެނަލްއެވެ.

މިއަދު ވެސްް އިނގިރޭސި ޕްރެމިއާ ލީގުގައި ތިން މެޗެއް ކުޅެން ހަމަޖެހިފައެވެ. އެއީ މިއަދު ހަވީރު 18:00ގައި ލެސިސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރާ މެޗާއި، މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗެވެ. އަދި މި ގޭމްވީކުގެ ފަހު މެޗުގައި މިރޭ 20:30 ގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ވެސްޓްހަމް ޔުނައިޓެޑެވެ

comment ކޮމެންޓް