މުޙައްމަދު އިސްމާޢީލްގެ އިސްތިއުނާފު ބަލައިނުގަތް މައްސަލަ، ފަނޑިޔާރުންގެ މަޖިލީހަށް

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ޔޯގާ ހަމަނުޖެމާ ގުޅިގެން ހައްޔަރު ކޮށްފައިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު، ހައިކޯޓުން ބަލައިނުގަތް މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މުޙައްމަދު އިސްމާޢީލްގެ ބަންދު މުއްދަތު އިތުރު ކުރި މައްސަލަ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމާފައެވެ.

މި މައްސަލައާ ބެހޭގޮތުން މުހައްމަދު އިސްމާއީލްގެ ގާނޫނީ ވަކީލް އަލީ ޝާހު، "ސަން"އަށް ވިދާޅުވީ އެބޭފުޅުން ހުށަހެޅި އިސްތިއުނާފު، މައްސަލަ ބަލައިނުގަނެވޭނެ ކަމުގެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެއީ ހައިކޯޓުގެ ރެޖިސްޓްރާއަށް އެރި އޮޅުމެއް ކަމަށެވެ.

ޝާހު، ވިދާޅުވީ ހައިކޯޓުގެ ރެޖިސްޓްރާގެ ނިންމުމަށް ފަނޑިޔާރުންގެ މަޖިލީހުން ތާއީދު ކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އިތުރަށް ކުރިއަށް ދާނެ ގޮތެއް ނިންމާނީ މުޙައްމަދު އިސްމާޢީލްގެ ގާނޫނީ ވަކީލުންގެ ޓީމު ތެރޭގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޙައްމަދު އިސްމާޢީލް ހައްޔަރު ކޮށްގެން އުޅެނީ ދުނިޔޭގައި ވެސް ނެތް ހެކިތަކެއް އަމިއްލައަށް އުފަން ކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ފަނޑިޔާރުން ނިންމި އަމުރުން ވެސް އެކަން ސާފުވާ ކަމަށެވެ.

"ފަނޑިޔާރުންގެ އަމުރުގައި ވެސް އޮތީ މުޙައްމަދު އިސްމާޢީލް، ދަނޑު ތެރެއަށް ވަދެ، ޓެރެރިޒަމްގެ ޢަމަލެއް ހިންގި ކަމުގެ އެއްވެސް ހެއްކެއް ނެތޭ. ނަމަވެސް މުޒާހަރާއާ ގުޅިގެން ކޮންމެވެސް ވަރެއްގެ ތުހުމަތެއް އެބައޮތޭ،" ޝާހު ވިދާޅުވިއެވެ.

ޝާހު، ވިދާޅުވީ ޔޯގާ ހަމަނުޖެހުން ތަހުގީގު ކުރުމުގައި އުޅޭ ފުލުހުންގެ ޓީމު އޮތީ ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށާއި އެގޮތުން، މުޙައްމަދު އިސްމާޢީލާ ދޭތެރޭގައި މިހާތަނަށް ކަންތައްތައް ކުރަމުން އަންނަ ގޮތުން ވެސް އެކަން ޔަގީން ކުރެވިއްޖެ ކަމަށެވެ.

"މުޙައްމަދު އިސްމާޢީލް އެހުރީ ފްރޭމް ކޮށްފަ. ފާއިތުވެދިޔަ ދުވަސް ތަކުގައި ވެސް ފުލުހުން ބޭނުންވާ ބަޔަކަށް ބޭނުންހާ ނަމެއް ދީގެން، ބޭނުންވާ ލޭބަލެއް އަޅުވައިގެން އެކަހަލަ ގޮތަކަށް ނޫންތޯ މީހުން ފްރޭމް ކުރަމުން އައީ،" ޝާހު ވިދާޅުވިއެވެ.

މުޙައްމަދު އިސްމާޢީލް ހައްޔަރު ކުރުމަށްފަހު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ވަންދެން އޭނާ ބަންދުގައި ބެއްހެއްޓުމަށް އަނެއްކާ ވެސް އަމުރުކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅުވައިގެން 21 މީހަކު ހައްޔަރު ކުރިއެވެ. އެމީހުންގެ ތެރޭގައި މުޙައްމަދު އިސްމާއީލްގެ އިތުރުން ޝައިޚް ފަޒްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ހިމެނެއެވެ. މި ދެބޭފުޅުންގެ ތެރެއިން ޝެއިޚް ފަޒްލޫން މިހާރު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް