ގާޒީ ޙަސަން ސައީދު ސަސްޕެންޑުކުރަން ނިންމި ނިންމުން ރަނގަޅެއް ނޫން: އިސްތިއުނާފު މަޖިލީސް

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދު --- ސަން ފޮޓޯ

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށާއި އެކަމަކީ ސުލޫކީ އަމަލެއް ނޫން ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ އިއްތިފާގުން ނިންމައިފިއެވެ.

ޖޭއެސްސީން ގާޒީ ޙަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައިވަނީ ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވިއިރު އެ ކޯޓުގެ ދެ މުވައްޒަފަކު ސިންގަޕޫރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދީފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ ކައިވެންޏާ ގުޅޭ ގޮތުން ގާޒީ ޙަސަން ސައީދު ވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާ ވެސް ދެއްވާފައެވެ.

ނަަމަވެސް ފެމިލީ ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއެވެ.

ގާޒީ ޙަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ގާނޫނާއި ގަވާއިދާ އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެހެންކަމުން ގާޒީ ޙަސަން ސައީދުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

ޖޭއެސްސީގެ އެ ނިންމުން ގާޒީ ޙަސަން ސައީދުގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފައެވެ.

އެކަމާ ގުޅިގެން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައި ވަނީ އެ މައްސަލައިގައި ގާޒީ ޙަސަން ސައީދު ގާނޫނުގެ ނައްސަކާ ޚިލާފުވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ގާޒީ ލަފާދެއްވާފައިވަނީ ކައިވެނީގެ ރެޖިސްޓްރާ ލަފަޔަކަށް އެދުމުން ކަމަށާއި، ކައިވެނީގެ ރެޖިސްޓްރާ، ލަފަޔަކަށް އެދުމުން ލަފާދިނުމަކީ އިސް ގާޒީގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އެހެންކަމުން ގާޒީ ޙަސަން ސައީދުގެ އެ އަމަލު ސުލޫކީ އަމަލަކަށް ބަދަލުވެގެންދާނެ ވާގިއާއެއް ނެތް ކަމަށް ތަހުގީގުން ހާމަވާ ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް