130 ކިލޯ ޑްރަގްސް: ކުޑަ ކުއްޖާއަށް ކުށް ސާބިތު ނުވުމުން ހައި ކޯޓަށް

މީގެ ކުރން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ޕެކެޓުތަކެއް: 130 ކިލޯ އަތުލައިގަތް މައްސަލައިގައި ދައުވާ އުފުލި ކުޑަ ކުއްޖަކު ވަނީ ސަލާމަތް ވެފައި --

ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުނުވުމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހަތް މީހަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހިމެނެއެވެ.

އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

ކުޑަކުއްޖާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ހުރި ދޯންޏަށް އިތުރު ބަޔަކާއެކު އޭނާ އަރަން ދަނިކޮށެވެ. އަދި އެ ކުއްޖާގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ ހުޅުމާލެ ފަޅުގައި އޮތް އެ ދޯނިން މަސްތުވާތަކެތި ބާލަން އުޅުނު ކަމަށެވެ.

ދެ ދައުވާއަށް ވެސް ކުޑަ ކުއްޖާ އިންކާރު ކޮށްފައިވާއިރު ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހެޅި ނަމަވެސް ޖުވަނައިލް ކޯޓުން ނިންމާފައިވަނީ އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

ޖުވެނައިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ކުރި ހުކުމް ދައުލަތުން ވަނީ އިއްޔެ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.

އެ މައްސަލައާ ގުޅިގެން ދެން ތުހުމަތުކުރާ ހަ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އަންނަނީ 'ފިނިހަކަ ދުވެލީ'ގައި ކުރިއަށް ދަމުންނެވެ.

އެ ނެޓްވޯކްގެ އެންމެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ޝަހީބް އިބްރާހިމް އަށާއި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާ އަށެވެ.

އެ ދެ މީހުންގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ، އަސީލް މާހިރު، ދުންފިނިގެ/ ގއ. ވިލިނގިލި އާއި އަނަސް ހުސައިން، ސެލް/ ޅ. ހިންނަވަރު އަދި ބަންގްލަދޭޝައަށް ނިސްބަތްވާ ދެ މީހަކަށެވެ. އެއީ މުހައްމަދު ރިޔާދު އަދި އިގްބާލް އެވެ.

comment ކޮމެންޓް