ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަން ބަންގުލަދޭޝްގެ ކޯޓަކުން އަންގައިފި

ރައުދާ އާތިފް ---

ބަންގާޅުގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަން އެގައުމުގެ ކޯޓަކުން އަންގައިފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުގައިވާ ގޮތުން އެ މައްސަލަ އަލުން ތަހުގީގު ކުރަން ފުލުހުންނަށް އަންގާފައި ވަނީ އެގައުމުގެ ރާޖްޝާހީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓުންނެވެ.

ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ރައުދާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައެވެ. އެއީ 2017 ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ.

ރައުދާގެ އޮޓޮޕްސީ ދެ ފަހަރަކު ހެދިއެވެ. އެއް ފަހަރު ހެދީ ރައުދާ ވަޅުލުމުގެ ކުރިންނެވެ. ދެވަނަ އޮޓޮޕްސީ ހެދީ ވަޅުލި ފަހުން، ގަބުރު ނަގައިގެންނެވެ. އެ އޮޓޮޕްސީތަކުގެ ނަތީޖައަށް ބަލައި، މައްސަލަ ތަހުގީގު ކުރުމަށް ފަހު ދެ ފަހަރެއްގެ މަތިން ނެރުނު ރިޕޯޓުތަކުގައި ވެސް ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އަދި އެ މައްސަލަ އަލުން ތަހުގީގު ކުރަން ތަކުރާރުކޮށް އެދެނީ އާތިފްއެވެ.

ރައުދާގެ މަރުގެ މައްސަލައަކީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި ހިިމެނޭ މައްސަލައެކެވެ. އެ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ނިންމި ގޮތުގެ ރިޕޯޓު ނޮވެމްބަރު 2019ގައި ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ.

comment ކޮމެންޓް