ކީރިތި ރަސޫލާގެ ދިފާއުގައި ދުވާފަރު ރައްޔިތުން އަޑު އުފުލައިފި

މަގޭ ނަބިއްޔާގެ ނަމުގައި ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުން --

މާތްﷲ އާއި ކީރިތި ރަސޫލާ މުޙައްމަދުން ސައްލަﷲ އަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ ސަހާބީންނަށް ބަދުބަސް ބުނާ މީހުން ރާއްޖޭގައި ގިނަ ވެއްޖެ ކަމަށް ބުނެ އެކަމާ ދެކޮޅަށް މިއަދު ރ. ދުވާފަރުގައި ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

އެ އިހުތިޖާޖު އިންތިޒާމު ކުރީ ދުވާފަރު އިސްލާމިކް މޫމެންޓް ޖައުއިއްޔާއިންނެވެ.

މަގޭ ނަބިއްޔާގެ ނަމުގައި ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުން --

އެ އިހުތިޖާޖު އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު، ޖަމުއިއްޔާގެ ވަގުތީ ރައީސް މޫސާ މުޙައްމަދު "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ، އިހުތިޖާޖުގެ މައިގަނޑު ބޭނުމަކީ އިސްލާމް ދީނުގެ ޝިއާރުތަކަށާއި ކީރިތި ރަސޫލާއަށް ކުރާ ފުރައްސާރަތައް ބަލަހައްޓައިގެން ދުވާފަރު ރައްޔިތުން އެންމެ ހިނދުކޮޅަކަށް ވެސް ނުތިބޭކަން ރާއްޖެ އަށާއި މުޅި ދުނިޔެއަށް ވެސް ހާމަ ކުރުން ކަމަށެވެ.

"އިސްލާމްދީނުގެ ޝިއާރު ތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުން ދުވާފަރު ރައްޔިތުން އެންމެ ހިނދުކޮޅަކަށް ވެސް ބަލައިނުގަންނާނެކަން ރާއްޖެއަށާއި މުޅި ދުނިޔެއަށް ހާމަ ކުރަން ބޭނުން ވަނީ. ދުވާފަރު ރައްޔިތުން އަބަދުވެސް ތިބޭނީ ކީރިތި ރަސޫލާގެ ދިފާއުގައި ޖާނާއި މާލުން ގުރުބާންވާން ޖެހުނަސް އެކަމަށް ވެސް ތައްޔާރު ވެގެން،" މޫސާ ވިދާޅުވިއެވެ.

މަގޭ ނަބިއްޔާގެ ނަމުގައި ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުން --

އޭނާ ވިދާޅުވީ ރަސޫލާއާއި އެކަލޭގެފާނުގެ ސަޙާބީންނާ މެދު ހުތުރުބަހުން ފާޅުގައި މުއާމަލާތު ކުރަމުންދާ އިރު އެފަދަ ވާހަކަ ދައްކާ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުން ނުދާތީ ދުވާފަރު ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

ދުވާފަރުގައި މިއަދު ބޭއްވި ހިމޭން އިހުތިޖާޖުގައި ދެ ޖިންސުގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ، އެކި މެސެޖުތައް ލިޔެފައިވާ ޕޯސްޓުރުތަކުން ޝުއޫރު ފާޅުކޮށްފައި ވެއެވެ. މީގެ ތެރޭގައި"ލާދީނީ މީހުންނަށް ފިޔަވަޅު އަޅާ"، "ﷲއަށް ފުރައްސާރަ ނުކުރެވޭނެ، ރަސޫލާއަށް ފުރައްސާރަ ނުކުރެވޭނެ" އަދި "ތި ކުޅެވެނީ އަޅުގަނޑުމެންގެ ލެޔާ" ފަދަ މެސެޖުތައް ލިޔެފައި ހުއްޓެވެ. އޭގެ އިތުރުން ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް ވެސް ޕޯސްޓަރުތަކުގައި ލިޔެފައި ހުއްޓެވެ.

މަގޭ ނަބިއްޔާގެ ނަމުގައި ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުން --

ދުވާފަރުގައި މިއަދު ބޭއްވި ހިމޭން އިހުތިޖާޖުގެ ބައިވެރިއަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދީނަށް ހަޖޫ ޖެހުން ފަދަ ހުތުރުކަން ބޮޑު ޢަމަލުތައް ހިންގުމަކީ އެރަށުގެ ރައްޔިތުންގެ ލެޔާ ކުޅުން ފަދަ ބޮޑު މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ ﷲއާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ނުކުރާށޭ. ސަހާބީންނާ ނުބެހޭށޭ. އޭރުން އެ ކުޅެވެނީ އަޅުގަނޑުމެންގެ ލެޔާއޭ. އެއީ އަޅުގަނޑުމެން މި ވަކާލާތު ކުރާ ކަމަކީ. އެ ބޭބޭކަލުންނާ ނުބެހޭށޭ،" އޭނާ ބުންޏެވެ.

މަގޭ ނަބިއްޔާގެ ނަމުގައި ދުވާފަރު ރައްޔިތުން ކުރިއަށް ގެންދިޔަ ހިނގާލުން --

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދީނަށް ބަދުބަސް ބުނާ ފަރާތްތައް ސޯޝަލް މީޑިއާގައި ވެސް މިފަހަކަށް އައިސް އިތުރުވެފައިވާއިރު، އެފަދަ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށްބުނެ، ފުލުހުންނަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

މިފަދަ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަ ވެސް އެހެނިހެން މައްސަލަތަކޭ އެއްފަދައިން ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް