ލަންޑަން (6 ޖުލައި 2022): އިނގިރޭސިވިލާތުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއި ނުރައްކާތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބަދަލުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކަން ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދައްކަވާ ކަމުގެ ތުހުމަތާއެކު ޖޯންސަންގެ ސަރުކާރުގެ ދެ ވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވީ މާލީ ވަޒީރު ނުވަތަ ޗާންސެލާ އޮފް އެކްސްޗެކާ ރިޝީ ސުނާކް އާއި ސިއްހަތާބެހޭ ވަޒީރު ސާޖިދު ޖާވިދުއެވެ. މި ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރެއްގެ ވަޒީރުކަމުގައި ތިއްބެވުމަކީ އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއް ނޫންކަން ހާމަ ކުރެއްވުމަށްފަހުގައެވެ.
ސުނާކު އިސްތިއުފާ ދެއްވީ ޖާވިދު އިސްތިއުފާ ދެއްވިތާ އިރުކޮޅެއް ފަހުންނެވެ. ޖާވިދު ވަނީ ޖޯންސަންގެ ސަރުކާރުގައި ވަޒީރުން ފެންވަރުގެ މަގާމެއް ދެން އޭނާ އަދާ ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ސަބަބަކީ ޑިމޮކްރެޓިކް ސަރުކާރެއްގައި ހުންނަންޖެހޭ ހަރުދަނާކަމާއި ހަގީގަތް ހާމަކުރުމުގެ ގާބިލުކަން ބޮރިސް ޖޯންސަންގެ ސަރުކާރުގައި ނެތުމެވެ.

ސާޖިދު ޖާވިދު
އިނގިރޭސިވިލާތުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއި ނުރައްކާތަކުގެ ތެދު ހަގީގަތް ހާމަކުރަން ފަސްޖެހުމެވެ. އޭގެބަދަލުގައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް ސިޔާސީ މަންފާއަށް ޓަކައި ޖޯންސަން ވާހަކަ ދެއްކެވުމެވެ. މިއީ ހަރުދަނާކަން ނެތުމާއި ރައްޔިތުންނާ ކުރިމަތިލާން ނުކެރުންކަމަށް ސާޖިދު ދެކެވަޑައިގަންނަވައެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަމަލުތަކާއި ވާހަކަތައް ހުންނަ ގޮތުން މިހާރު އޭނާއަށް އިތުބާރު ނުކުރެވޭ ކަމަށާއި ޖޯންސަން މަސައްކަތް ކުރައްވަނީ ސިޔާސީ ފައިދާއަށް އިސްކަން ދެއްވައިގެން ކަމަށް ޖާވިދު ދެކެވަޑައިގަންނަވައެވެ.
މާލީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ރިޝީ ސުނާކު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގައި ތިބެގެން ރައްޔިތުންނަށް ޚިދުމަތްކުރާއިރު މަސައްކަތް ކުރަން ޖެހޭނީ ވަކި ތަރުތީބަކުންނެވެ. ވަކި އުސޫލުތަކެއް ދަށުން ހަރުދަނާ ގޮތެއްގައެވެ. ޖޯންސަންގެ ސަރުކާރުގައި މިކަންކަން ނެތުމުން އެގޮތަށް ކުރިޔަށް ދިޔުމުގެ ފުރުސަތު ގެއްލިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ އިނގިރޭސިވިލާތަށް މީގެ ތިރީހަކަށް އަހަރު ކުރިންވެސް ކުރިމަތިނުވާފަދަ އިގްތިސާދީ މައްސަލަތަކެއް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ. އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބާޒާރުގައި ތަކެތީގެ އަގުތައް އާދަޔާ ޚިލާފަށް ބޮޑުވެ އިންފްލޭޝަން މައްޗަށް ދިޔުމެވެ. އަދި ބައެއް ބާވަތްތައް ބާޒާރުން ހުސްވާގޮތް ވުމެވެ.
މީގެ އިތުރުން ވަޒީފާނެތް މީހުންގެ އަދަދު ގިނަވުމާއި ކުދި ވިޔަފާރިތައް ބަނގުރޫޓްވާލެއް އަވަސްވުމާއި ދަތުރުފަތުރުގެ އަގުތައް ބޮޑުވެ އާންމުންގެ ޖީބުތަކަށް ބާރު ބޮޑުވުމެވެ. އިނގިރޭސިވިލާތަށް މިމައްސަލަތައް ކުރިމަތިވެފައި މިވަނީ އިގްތިސާދީ އެތައް ސަބަބުތަކަކާ ގުޅިގެންކަމަށް ތަޖުރިބާކަރުން ވިދާޅުވެއެވެ.

ރިޝީ ސުނާކު
މީގެތެރެއިން އެންމެ ބޮޑު ކަމެއް ކަމަށް ބެލެވިފައިވަނީ ޔުކްރެއިން ހަނގުރާމާއާ ގުޅިގެން އިނގިރޭސިވިލާތް ހިމެނޭގޮތަށް ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާދަޔާ ޚިލާފު ގިނަ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ޚުދު ހުޅަނގުގެ ގައުމުތަކަށްވެސް ކުރަން ފެށުމެވެ. ޚާއްސަކޮށް ތެލުގެ އަގު ހިންތިހާއަށް ބޮޑުވެގެން ދިޔުމެވެ. ރަޝިއާގެ ބޮޑު ބާޒާރު ހުޅަނގަށް ގެއްލިގެން ދިޔުމެވެ. ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޔުކްރެއިންއަށް ބޮޑު އެހީތަކެއް ހުއްޓުމެއްނެތި ދޭން ޖެހުމެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި އިގްތިސާދަށް ކުރިމަތިވި ދަތިތައްވެސް އެބައޮތެވެ. މިދަތިތައް ކުރިމަތިވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމާއެކު ގެއްލިގެން ދިޔަ ޔޫރަޕްގެ ބޮޑު ބާޒާރުގެ ބަދަލުގައި އެހެން ބާޒާރުތައް ހޯދަން އިނގިރޭސިވިލާތަށް ދަތިވެފައި ވަނިކޮށެވެ.
ކޮވިޑަށްފަހު އިގްތިސާދު އަލުން އަރައިގަންނަން ފެށިތަނާ ކުރިމަތިވީ ޔުކްރެއިން ހަނގުރާމައެވެ. މިކަންކަމުގެ ނޭދެވޭ އަސަރުތައް ޔޫރަޕްގެ އެހެން ގައުމުތަކަށްވުރެ ބޮޑަށް އިނގިރޭސިވިލާތަށް ކުރަން ފެށި މައިގަނޑު ސަބަބަކީ އިނގިރޭސިވިލާތަކީ މިހާރު ޔޫރަޕްގެ އިއްތިޙާދުން ބޭރުވެފައިވާ އަދި ޔޫރަޕްގައި އިގްތިސާދީ ގޮތުން އެކަހެރިވެފައިވާ ގައުމަކަށްވާތީ އާއި ޔޫރަޕްގެ ބިޔަ އިގްތިސާދުގެ އެއްވެސް ހިމާޔަތެއް އިނގިރޭސިވިލާތަށް ލިބޭ ގޮތް ނުވުމުންކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.
ޖޯންސަންގެ ކޮންޒަވެޓިވް ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ކްރިސް ޕިންޗާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބަދުއަޚުލާގީ އަމަލުތަކެއްވެސް ދާދިފަހުންވަނީ ފެންމަތިވެފައެވެ. ޕިންޗާ އަކީ ހައުސް އޮފް ކޮމަންސްގައި ކޮންޒަވެޓިވް ޕާޓީގެ ޗީފް ވިޕްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިފަޟީހަތާ ގުޅިގެން އޭނާވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަނެއްކޮޅުން ކޮވިޑްގެ ދުވަސްވަރު ޚުދު ބޮޑުވަޒީރު ޖޯންސަން ކޮވިޑްގެ އުސޫލުތަކާއި ގަވައިދުތަކާ އެތައް ފަހަރަކު ޚިލާފުވެވަޑައިގެންފައިވާ މައްސަލަވެސް ދާދިފަހުންވަނީ ފެންމަތިވެފައެވެ. އަދި ރާނީ އެލިޒަބަތަށް އޮޅޭގޮތަށް މައުލޫމާތު ދެއްވި މައްސަލައިގައިވެސް ޖޯންސަން "ހޫނުފެނަށް" ވެއްޓި އިތުބާރު ގެއްލޭގޮތް ވެފައިވެއެވެ. ބްރެކްސިޓްގެ ވޯޓަށް ކޭންޕޭން ކުރި ދުވަސްވަރު ޖޯންސަން އިނގިރޭސިވިލާތުގެ ބައެއް ތަފާސްހިސާބުތައް އޮޅުވާލައިގެން ޔޫރަޕްގެ އިއްތިހާދާ މެދު އިނގިރޭސި ރައްޔިތުން ބިރުގަންނަވަން އުޅުއްވި މައްސަލަވެސް ބޭޒާރުވެފައިވެއެވެ.
ދާދި ފަހުން އިނގިރޭސިވިލާތުގައި ބޭއްވި ލޯކަލް އިންތިޚާބުގައިވެސް ޖޯންސަންގެ ކޮންޒަވެޓިވް ޕާޓީއަށްވަނީ އެޕާޓީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ނުވާވަރުގެ ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ. އިނގިރޭސިވިލާތުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނާޒުކު މިދަނޑިވަޅުގައި މާލީ ވަޒީރާއި ސިއްހަތާބެހޭ ވަޒީރު އިސްތިއުފާ ދެއްވުމަކީ ޖޯންސަންގެ ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އިނގިރޭސި ނޫސްތައްވަނީ ސިފަކޮށްފައެވެ.