ފިޔަވަޅު އަޅާނީ ކިތައް ފުރާނަ ދިޔައިމަ؟

ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ހޯމަ ދުވަހު ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއެކު ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަން ވެރިވިއެވެ. އެކްސިޑެންޓް ހިނގިތާ ވަގުތުކޮޅެއްގެ ތެރޭގައި ޒުވާން އަންހެނެއްގެ މަރުގެ ޚަބަރު ލިބުމުންނެވެ.

ލަސްތަކެއްނުވެ އެ އެކްސިޑެންޓްގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުން ހެންވޭރާވީ ކޮޅަށް މޭރީ ބްރައުން ކައިރިން ރަތް ކުލައިގެ ކާރެއް ފެން ބޮޑުވެފައިވާ މަގުގެ ފެންގަނޑު ކަފަމުން ބާރު ސްޕީޑުގައި އަންނަތަން ފެނެއެވެ. ވަކި ހިސާބަކުން އެ ކާރު އެނބުރެމުން ގޮސް، ބުރިޖުން ފައިބައިގެން މާފަންނާ ވީކޮޅަށް ދުއްވާފައި ދިޔަ ބަހުގައި ޖެހި ހުއްޓޭތަން އެ ވީޑިއޯއިން ފެނެއެވެ.

ބަހުގައި ޖެހިފައިވަނީ ކާރުގެ ފަހަތުކޮޅެވެ. ކާރުގެ ފަހަތް އެއްކޮށް ފުނޑުފުނޑުވިއެވެ. ބަހުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެ އެކްސިޑެންޓުގައި ހަމައެކަނި ކާރަށް ލިބުނު ގެއްލުން ފެނުމުން ވެސް އެކްސިޑެންޓުގެ ނުރައްކާތެރިކަން އަންދާޒާކޮށްލެވޭނެއެވެ. އަދި އެ ކާރުގައި ތިބި މީހުންނަށް ލިބުނު ގެއްލުންތައް ހިތަށް ނަގައި ވެސް ނުގަނެވޭނެކަމަށް މަންޒަރުދުށް މީހުން ކިޔައިދިނެވެ. އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން މަރުވީ އެކަކެވެ. އިތުރު ތިން މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ފިނި ބުރެއް ޖަހާލަން ރައްޓެހިންނާއެކު ހިތުހުރި ސްޕީޑެއްގައި ކާރު ދުއްވުމަކީ އާންމު ކަމެކެވެ. އެކްސިޑެންޓްވި އެ ކާރަކީ ވެސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އާންމުކޮށް ދުއްވާ ކާރެއް ކަމަށް "ސަން"އާ ވާހަކަދެއްކި ބައެއް މީހުން ކިޔައިދިނެވެ. މާލެ އާއި ހުޅުމާލޭގައި ވެސް އެ ކާރު އެތައް ދުވަހަކު ދުއްވާފައިދާތަން އެތައް ބަޔަކަށް ވަނީ ފެނިފައެވެ. އެކްސިޑެންޓު ވި ދުވަހުގެ ވަގުތުކޮޅެއް ކުރިންވެސް އެ ކާރު މާލޭގެ އެކި މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާފައިދާ މަންޒަރު ވެސް ބައެއް މީހުންނަށް ވަނީ ފެނިފައެވެ. އެ ކާރު އެކަންޏެއް ނޫނެވެ. އެފަދަ އެތަކެއް ކާރެއް ބިރުވެރިކަން އުފެދޭގޮތަށް ދުއްވާތަން ފެނެއެވެ.

އެއީ އާ ކަމެއް ނޫނެވެ. އާންމު ކަމެކެވެ. ކޮންމެ ހަފުތާއެއްގެވެސް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ތަކުރާރުވަމުންދާ ކަމެކެވެ. މަގުމަތީގައި އުޅޭ ބައެއް މީހުން އެ ކާރުތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދުއްވާކަން، އެ ކާރުތަކާ ކައިރިން ދުއްވާފައި ދާން ޖެހުނު ބައެއް މީހުން ކިޔާދިނެވެ.

މިފަދަ ބައެއް ކާރުތައް ކޮންމެ ހަފުތާއެއްގެ ވެސް ވަކި ދުވަހެއްގެ ވަކި އިރެއްގައި މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި ދުއްވާފައިދާތަން ފެނެއެެވެ. މަގުމަތީގައި ދުއްވާ އެހެން އުޅަނދަކަށް ބެލުމެއް ނެތިއެވެ. ހިނގާފަ އުޅޭ މީހުންނަކަށް ވެސް ނުބަލައެވެ. މިފަދަ ކަންކަން މިހެން ހިނގާއިރު މިކަންކަން ހުއްޓުވުމުގެ ޒިންމާ އެޅިފައިވާ މީހުން ކޮބައިތޯ އާންމުން ސުވާލުކުރެއެވެ. ޓްރެފިކް ފުލުހުން ދުވަނީ ފިނިބުރު ޖަހަން ނުކުންނަ ނިކަމެތީންގެ ސައިކަލް ފަހަތުން ކަމަށް ބުނެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. ބިރުވެރިގޮތަކަށް ދުއްވާ މިފަދަ ކާރުތައް ހުއްޓުވައި ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް މިފަދަ ކާރެއްގެ މައްސަލަ ޓްރެފިކް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. ބޮޑުތަކުރުފާނުމަގު ޕޯސްޓް އޮފީސް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭސް ކާރަކުން އެވަގުތު މަގުމަތިން ހިނގާފައި ދިޔަ ބައެއްގެ ގައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.

"ހޯދެން އޮތް ގޮތަކުން އަމިއްލަ ސަލާމަތް ހޯދުނީމަ އެރޭ ސަލާމަތްވީ. އެހެންނޫންނަމަ އެއީ ހަމަ މަރުގެ އެތިފަހަރެއް. އެހާވެސް ބިރުވެރި. އަޅުގަނޑުމެން ޓްރެފިކް ޕޮލިހަށް ގޮސް އެ މައްސަލަ ހުށަހެޅިން،" ރޭސް ކާރެއްގެ އުނދަގޫ ތަޖުރިބާކުރި މީހަކު "ސަން"އަށް ކިޔައިދިނެވެ.

ފުލުހުންނަށް މައްސަލަ ވެސް ހުށަހެޅިއެވެ. އެކަމަކު އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ މީހެއްގެ ފުރާނަ ގެއްލިފައެވެ.

މާލޭގެ ޓްރެފިކް ބަލަހައްޓާ ފުލުހުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޒަމާން މިއޮތީ ބަދަލުވެފައެވެ. ކޮންމެ ކާރެއްގެ ފަހަތުން ފުލުހަކު ނުދިޔަޔަސް މިކަން ހައްލު ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ދުއްވަންޖެހޭ ވަރަށްވުރެ ބާރަށް ދުއްވާ ވެހިކަލްތައް ކެމެރާގެ އެހީގައި "އޮޓޮމެޓިކް"ކޮށް ދެނެގަނެވޭ ނިޒާމު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގަައި ވަނީ ގާއިމްކޮށްފައެވެ. ދުއްވަން ޖެހޭ ވަރަށްވުރެ ބާރަށް ދުއްވާނަމަ އެ ނިޒާމުގެ ތެރެއިން އެކަން ފާހަގަކޮށް ޖޫރިމަނާ ކުރިކަމުގެ މެސެޖެއް ފޯނަށް އަންނާނެއެވެ. ބޭނުންވާ ނަމަ ބާރު ސްޕީޑުގައި ދުއްވާފައި މަގުގައި ދިޔަ ސަރަހައްދު ފެންނަ ވީޑިއޯވެސް ފޯނަށް ފޮނުވޭނެއެވެ. އަދި ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދާއެކު އެ ފައިސާ ދައްކަން ޖެހޭ ލިންކުވެސް މިހާރު އެ ގައުމުތަކުގެ ރައްޔިތުންގެ ފޯނަށް ފޮނުވައެވެ.

މި ނިޒާމް ރާއްޖޭގައި ގާއިމް ކުރަން ނިންމާފައިވާކަން 2015 ވަނަ އަހަރު ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ރަސްމީކޮށް އިއުލާނުކުރައްވާފައެވެ. ނަމަވެސް އޭގެ ފަހުން މިހާ ދުވަސް ވީއިރުވެސް އެ ނިޒާމު ތައާރަފު ނުކުރެވުނީ ކީއްވެތޯ ވެސް މިއަދު ސުވާލު އުފެދެއެވެ.

ދުބާއީ އަދި ނިއުޒިލެންޑު ފަދަ ކުރިއަރާފައިވާ ބޭރުގެ ގައުމުތަކުގައި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި، ބޭނުންކުރާތާ ވަކި މުއްދަތެއް ވުމުން ވެހިކަލުގެ ޓަޔަރު ބަދަލުކުރުމަކީ ލާޒިމު ކަމެކެވެ. އަދި ޗެކް ޕޮއިންޓުތަކުގައި ހިފަހައްޓާއިރު އެކަންކަން ފުރިހަމަ ނުވެ ހުރެއްޖެނަމަ ޖޫރިމަނާކޮށް ފިޔަވަޅު އަޅައެވެ.

އެގޮތަށް ރާއްޖޭގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމުކޮށް ހަރުދަނާ ގޮތެއްގައި އެކަންކަން ބެލެހެއްޓިއްޖެ ނަމަ މިހާރު ހިނގާ ނުރައްކާތެރި އަދި ކުދި އެކްސިޑެންޓުތައް ބޮޑުތަނުން މަދުކުރެވޭނެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވިގޮތުގައި އެފަދަ ހާދިސާތައް ހިނގުމަކީ ސަރުކާރުގެ ބޮޑު އިހުމާލެކެވެ.

އޭނާ ވިދާޅުވިގޮތުގައި އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ ކަންކަން ނުކުރެވެނީ ޚަރަދުބޮޑުވެގެން ނޫނެވެ. ނަމަވެސް އެއީ ކަންކަން ރަނގަޅު ކުރުމުގެ ހަރުދަނާ ވިސްނުމެއް ސަރުކާރުގެ ވެރިންގެ ކިބައިގައި ނެތުމުން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"މިކަންކަމުން ފެނިގެން ދަނީ ސަރުކާރުގެ ބޮޑެތި އިހުމާލުތައް. ކިތައް މީހުންގެ ފުރާނަތޯ ނުރައްކަލަށް ހުށަހެޅެނީ. އަދި ފުރާނަ ގޮސްފަ ހުރީ. އެކަމަކު ވެސް ހަރުދަނާ ފިޔަވަޅެއް ނޭޅޭ. މިއީ ދެރަ ކަމެއް. އެ ފިޔަވަޅުތައް ނޭޅެނީ ޚަރަދު ބޮޑުކަމަކުންނެއްނޫން. އެކަންކަން ހައްލުކޮށްފަ ހަރުދަނާ ފިޔަވަޅު އެޅުމުގެ ގާބިލުކަން ސަރުކާރުގެ ކިބައިގައި ނެތީ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވިގޮތުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގަނީ ފުލުހުންގެ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާ ނުކުރާތީއެވެ.

"މީގެ ކުރިންވެސް ކިތައް ހާދިސާތައްތޯ މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވައިގެން ހިނގާފަ ހުރީ. އެކަހަލަ އެއްވެސް މައްސަލައަކަށް ފިޔަވަޅެއް އެޅުނުތޯ. މިއަހަރާ މިދިޔަ އަހަރު އެގޮތަށް ދިމާވެފަ ހުރި ކިތައް މައްސަލަތޯ ތަހުގީގު ކުރެވިފަ ހުރީ. އަޅުގަނޑަކަށް އެނގިފައެއް ނުވޭ އެކަހަލަ އެއްވެސް ފިޔަވަޅެއް. މިކަންކަމަށް ސަމާލުވެ، ފުލުހުންނަށް އެކަށީގެންވާ ފިޔަވަޅު އެޅެންވާނެ. އެކަމަކު ސީރިއަސް މައްސަލައެއް ގޮތަށް ބަލާތަނެއް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ބަލަހައްޓާ ފުލުހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުއިއްޒު ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން ނުބަލާކަން، މިދިޔަ މޭ މަހުގެ 21ގައި ގއ. ވިލިނގިއްޔަށް ވަންނަން ދިޔަ ލޯންޗު އެރަށު ނެރަށް އަރައި ހިނގި ނުރައްކާތެރި ހާދިސާއިން ވެސް އެނގެއެވެ. އެ ހާދިސާގައި ދެ މީހަކު މަރުވެ، ތިން މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނެވެ.

މި އަހަރު ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޓްރެފިކް އެކްސިޑެންޓުގެ ގޮތުގައި ޖުމުލަ 815 މައްސަލައެއް ފުލުހަށް ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި އަހަރުގެ ޖަނަވަރީ މަހު ޖުމުލަ 111 މައްސަލައާއި ފެބްރުއަރީ މަހު ޖުމުލަ 125 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަހަރުގެ މާޗު މަހު 158 މައްސަލައާއި އޭޕްރީލް މަހު 131 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން މޭ މަހު 147 މައްސަލައާއި މިދިޔަ ޖޫން މަހު ޖުމުލަ 137 ޓްރެފިކް އެކްސިޑެންޓްގެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެފަދަ ކަމެއް ހިނގުމުން ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ތަހުގީގު ނިންމައި އެޅި ފިޔަވަޅެއް ފުލުހުން ފަހުން ހާމައެއްނުކުރެއެވެ.

އެގޮތަށް ގާނޫނާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތަކާމެދު ފިޔަވަޅު އަޅައި މިހާރު އެ ހިނގާ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން އަމަލުކުރާނެ ގޮތެއް އޮވޭތޯ ޓްރާންސްޕޯޓު މިނިސްޓްރީއާ ސުވާލުކުރުމުން، އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކޮންމެ ފަހަރަކުވެސް ނުރައްކާތެރި ހާދިސާއެއް ހިނގާ ދުވަސްކޮޅު އެކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާނެ ވާހަކަ ދައްކައެވެ. އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިފައިނުވާ ކަމުގެ ޝަކުވާތައް ރައްޔިތުން ކުރަނީ ކަންބޮޑުވުމާއެކުއެވެ.

ރާއްޖެ ފަދަ "ޕްރޮފެޝަނަލް" އަދި ކަމަށް ގާބިލު ފުލުހުން ހަރަކާތްތެރިވާ ގައުމެއްގައި އެފަދަ ކަންކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވެނީ ކީއްވެތޯއެވެ. އެކަށީގެންވާ ފިޔަވަޅު ނޭޅެންވީ ކީއްވެތޯއެވެ. ކަމުގެ ނުރައްކާތެރިކަން އަދިވެސް ހިތަށް ތަޞައްވަރު ނުކޮށްލެވެނީތޯއެވެ. ފުލުހުން ފިޔަވަޅު އަޅަން ފަށާނީ އަދި ކިތައް ފުރާނަ ދިޔައިމަތޯ މިއީ މިއަދު ގިނަ ބަޔަކު ކުރާ ސުވާލެވެ.

comment ކޮމެންޓް