އެއް ޖިންސުން ގުޅުން ހިންގުމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި

އެމްޑީއޭގެ ލޯގޯ

އާންމުވެގެންވާ ކޯފާއެއް އައުމުގެ ކުރިން އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އިން ގޮވާލައިފިއެވެ.

މިއަދު އެމްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިސްލާމީ އުސޫލުތަކާއި އިޖުތިމާއީ މިންގަނޑުން ބޭރުވެ ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި ބަދުއަޚުލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯތަކެއް އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ އެ ޕާޓީން ކަންބޮޑުވާކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅި މުޖުތަމައަށް ދޫވެފައިތިބޭ ތިބުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.

"ލިވާތުކުރުން ފަދަ ފާހިޝް އަމަލުތަކަކީ އެކަމުގެ ސަބަބުން މުޖުތަމައަށް އިންތިހާއަށް އޭގެ ނޭދެވޭ އަސަރުކުރާ އަމަލުތަކަކަށް ވީ ހިނދު، މިއީ ވޭތުވެދިޔަ ޒަމާނުގައި އުއްމަތްތަކަށް މާތްﷲގެ ކޯފާ އައުމަށް މެދުވެރިވި މައިގަނޑު ސަބަބު،" އެ ބަޔާނުގައިވެ އެވެ.

އެފަދަ ކޯފާއެއް އައުމުގެ ކުރިން އެކަހަލަ ޖަރީމާތައް ހުއްޓުވައި އެކަހަލަ އަމަލުތައް ހިންގާ މީހުން މުޖުތަމަޢުއިން އެކަހެރިކޮށް ގާނޫނުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް އެމްޑީއޭގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެމްޑީއޭ އިން ބުނީ އެފަދަ ހަޑިހުތުރު އަމަލުތައް ހުއްޓުވުމުގައި މުޖުތަމަޢުގެ އެންމެންވެސް އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އިސްލާމީ އަޤީދާއާއި މުޖުތަމަޢުގެ އަޚުލާގުން ބޭރުން އެއްވެސް ކަމަކަށް ދިވެހި ފަސްގަނޑުގައި ފުރުސަތު ނުދިނުމަށް އެ ޕާޓީގެ ބަޔާނުުގައި ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް