ހަރަދާއި އާމްދަނީ ދެކޮޅުޖެއްސުމަށް އަޅާނެ ފިޔަވަޅުތައް ހާމަކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދާއި އާމްދަނީ ދެކޮޅުޖައްސައި، ފިސްކަލް ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް މިއަދު ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާއި، ބޮޑެތި އިގްތިސާދުތަކުގެ އިންޓަރެސްޓް ރޭޓުތައް މައްޗަށް ދިޔުމުން ދަރަނީގެ އަގު އިންތިހާއަށް މަތިވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އައި ލޮޅުންތައް އަދިވެސް ނުފިލާކަމަށާއި، އޭގެ މައްޗަށް، ޔޫކުރޭން ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމަކީ ވެސް އިގްތިސާދަށް އިތުރު ގޮންޖެހުމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފިސްކަލް ހާލަތު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފަހައްޓަން އަޅުގަނޑުމެން އެބަޖެހޭ ފިޔަވަޅުތަކެއް އަޅަން," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިގޮތަށް އަޅާ ފިޔަވަޅުތަކަކީ ޖީޑީޕީގެ ނިސްބަތުން ހަ ޕަސެންޓުގެ ކަރެކްޝަނެއް ކަމަށެވެ.

އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުން
  • ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުން

ޚަރަދު ކުޑަ ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • ސަބްސިޑީ ރިފޯމްކުރުން
  • ސަރުކާރު ކުންފުނިތައް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުން
  • އިތުރު މަޝްރޫއުތައް ފެށުން މަޑުޖައްސާލުން
  • ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުން

ސަރުކާރުން ދަނީ މި ފިޔަވަޅުތައް އަޅަން ކަމާބެހޭ އެކި ފަރާތްތަކާ މިހާރު މަޝްވަރާ ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ފިޔަވަޅުތަކާ ބެހޭ އިސްލާހުތައް މި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމަށެވެ.

comment ކޮމެންޓް