''އިންޑިއާ އައުޓް'' ހަރަކާތް ޖިނާއީ ކުށަކަށް ހަދާ ބިލް މަޖިލީހަށް ހުށަހަޅައިފި

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ

''އިންޑިއާ އައުޓް" ހަރަކާތްތައް ފަދަ ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި މިއަދުގެ މަޖިލީހަށް ހުށަހަޅާފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް ބިލުގައި ވެއެވެ.

ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް ކުރާ ހަތް އަމަލަކީ ގާނޫނީ ކުށްތަކުގެ ގޮތުގައި މި ބިލްގައިވަނީ ކަނޑައަޅާފަ އެވެ.

އެ ކުށްތަކަކީ:

  • އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން.
  • އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން.
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުން.
  • ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ތިބި އެހެން ގައުމަކަށް ނިސްބަތްވާ މީހުންނަށް ގެއްލުންދިނުމަށް ގޮވާލުން ގޮތުން އަނިޔާ ދިނުމާ އެކަން ކުރަން ގޮވާލުން.
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން.
  • އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުުރުމާއި އެފަދަ އަމަލެއް ކުރަން އުޅުން.
  • އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުން.

އޭޕްރިލް މަހުގެ 21ގައި ރައީސް އިބްރާހީމް މުޙައްމަދު ޟާލިހު ސޮއި ކުރައްވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގެ ނަމުގައި ގަރާރެއް ނެރުއްވާފައިވެއެވެ.

އެ ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރު ނެރެފައިވީ ނަމަވެސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ދަނީ ކުރަމުންނެވެ.

ޕީޕީއެމްއިން ބުނަނީ ރައީސްގެ ގަރާރަކުން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ. އަދި އެ ކެމްޕޭން ފުޅާކުރާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް