ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލައިފި، މުޙައްމަދު އިސްމާޢީލްގެ ބަންދަށް އިތުރު ނުވަ ދުވަސް

މުޙައްމަދު އިސްމާޢިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ---ފޮޓޯ/ސަން ފައިލް

ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ ބަންދަށް އިތުރު ނުވަ ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު މުޙައްމަދު އިސްމާޢީލްގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް އޭނާއާއެކު ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. ރައްޒާން ދޫކޮށްލަމުން ކޮށްފައި ވަނީ ކޮން ޝަރުތުތަކެއް ކަމެއް ޔަގީންވެފައި ނުވެއެވެ.

މީގެ ކުރިން މުޙައްމަދު އިސްމާއީލާއި ރައްޒާންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ.

އެ ދެ މީހުން ހައްޔަރުކުރުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ދެ މީހުން ފްރޭމްކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެ މައްސަލައިގައި، ހާދިސާ ހިނގި ދުވަހު ފުރަތަމަ ހައްޔަރުކުރީ ހަ މީހެކެވެ.

އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް، 43 އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން، 37، އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް، 30، އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް، 40، އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން، 47، އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު 35، އެވެ.

އޭގެ ޖެހިގެން އައި ދުވަހު ވެސް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ މުޙައްމަދު އިސްމާޢީލާއި ރައްޒާންގެ އިތުރުން، ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން، 38، އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫޙް، 26، އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު، 31، އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު، 33، އެވެ.

އެއަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ވެސް ދެ މީހަކު ހައްޔަރުކުރިއެވެ. އެއީ ކ. މާލެ، މ. ފަޅުމަތީގެ، އަޙްމަދު ޢަލީ، 26، އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުޙައްމަދު ޒީޝާން ނާޞިރު، 30، އެވެ. އަދި ހުކުރު ދުވަހު ފަސް މީހަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި ހިމެނެނީ ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު، 25، އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު، 31، އާއި ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން، 32، އާއި ކ. މާލެ، ގ. ފީނިކްސް، ޢަބްދުﷲ ނިޔާޒު، 41، އަދި ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު، 36،އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް