އެންޓެނާތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ ވިސްނުމެއް ނެތް: ޝައުނާ

އެންވަޔަރުމަންޓް މިނިސްޓަރު އަމިނަތު ޝައުނާ-- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ރަށްރަށުގައި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައި ހުންނަ ބޮޑެތި އެންޓެނާ ޓަވަރުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށާއި، އެކަމަކީ ބޮޑު ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމަށް އެންވާރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވަނީ، ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދިނުމަށް ރަށްރަށުގައި ޖަހާފައިވާ ޓަވަރުތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ޖެއްސުމަށް މިނިސްޓްރީގެ ވިސްނުން ހުރިތޯ ސުވާލު ކުރައްވާފައެވެ.

ޝިޔާންގެ ސުވާލަަށް ލިޔުމުން ދެއްވި ޖަވާބުގައި ޝައުނާ ވިދާޅުވީ އެ ޓަވަރުތަކަކީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން އެރަށެއްގެ ކައުންސިލުން ނުވަތަ ރަށު އޮފީހުން ދޫކޮށްފައިވާ ބިމުގައި ބަހައްޓާފައިވާ ޓަވަރުތައް ކަމަށެވެ. އަދި އެ ޓަވަރުތައް ގާއިމުކޮށްފައިވަނީ ރައްކާތެރިކަމަށް ބަލައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް، މީހުން އުޅޭ ސަރަހައްދާ ދުރުގައި ކަމަށްވީ ނަމަވެސް އުމްރާނީ ތަރައްގީގެ ސަބަބުން މިހާރު ޓަވަރުތައް މީހުން ދިރިއުޅޭ ހިސާބާ ކައިރީކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ޓަވަރުތައް ގާއިމުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖިއޮގްރަފީއަށް ރިއާޔަތްކޮށް، ކަނަޑައެޅިފައިވާ ސަރަހައްދުތަކެއްގެ މައްޗަށް ނެޓްވޯކު ޑިޒައިން ކުރެވިގެންކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ. އަދި މި އެންޓަނާ ޓަވަރުތަކުން އެންމެ ޓަވަރެއް ގުޑުވާލުމަކީ މުޅި ރާއްޖޭގެ މުއާސަލާތީ ޚިދުމަތަށް އެކަމުގެ ސަބަބުން ބޮޑު އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ޓަވަރުތައް މިހާރު ހުންނަ ތަންތަނުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާނެކަމެއް ކަމުން މިވަގުތު އެމަސައްކަތް ކުރެވޭނެކަމަށް ނުފެންނަ ކަމަށެވެ.

''އަދި އެއީ އެކަމަށް ބޮޑެތި ޚަރަދުތަކެއް ވެސް ހިނގާނެކަމެއް. މި ދެންނެވި ސަބަބުތަކާހުރެ، ހުރިހާ އެންޓަނާ ޓަވަރުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ޖެއްސުމަކީ މިވަގުތަށް ކުރެވޭނެ ކަމެއްކަމަކަށް ނުފެނޭ،'' މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން، އެންޓަނާ ޓަވަރުތަކަކީ މުއާސަލާތީ ޚިދުމަތް ރާއްޖެގެ ރަށްތަކަށް ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށާއި އަލަށް ތައާރަފްވަމުންދާ ފަހުގެ ހައިސްޕީޑް ޓެކްނޮލޮޖީ ތަކާއެކު، އެންޓަނާ ޓަވަރުތަކަށް ބަރޯސާވުން އިތުރުވަމުންދާކަން ވެސް ޝައުނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް