ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސީންނަށް ނުދީވާ މުސާރަ ދިނުމަށް ކޮންޓްރެކްޓަރަށް އަންގައިފި

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ފުލުހުން

ބ. ބޮޑުފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ބިދޭސީންނަށް ނުދީވާ މުސާރަ ދިނުމަށް ކޮންޓްރެކްޓަރަށް އަންގައިފިއެވެ.

އެ ރަށުގައި މަސައްކަތް ކޮށް، މުސާރަ ދީފައި ނުވާ 199 ބިދޭސީންނާއި ދެ ދިވެހިންގެ ތެރެއިން މިހާރު ފައިސާ ނުދީ ވަނީ 46 ބިދޭސީންނަށެވެ.

ޕަބްލިކް އިންޓަރަސްޓް ލޯ ސެންޓަރުން އާއްމުކުރި ނޫސްބާނެއްގައި ވަނީ، އެ 46 ބިދޭސީންގެ މައްސަލަ މިިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށާއި ވަޒީފާއާ ބެހޭ ޓްރިބިއުނަލްއިން ނިންމާފައި ވަނީ، އެ މުވައްޒަފުންގެ ފަސް މަހުގެ މުސާރައަށް ވާ 35،000 ރ. އަދި ކޮއްތު ފައިސާގެ ގޮތުގައި 6000ރ. އާއެކު ޖުމުލަ 41،000 ރުފިޔާ ކޮންމެ މީހަކަށް ދިނުމަށް ކަމަށެވެ.

މައްސަލަ ރައްދުވާ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައި ވަނީ އެ ފައިސާ 45 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

މުސާރަ ނުދޭ މައްސަލައިގައި 2020 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި، ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ވަނީ އެ ރަށުގައި ހަމަނުޖެހުން ހިންގާފައެވެ. އަދި ދިވެހީންތަކެއް ރަހީނުކޮށް ފުލުހުންނާ ވެސް ވަނީ ކުރިމަތިލާފައެވެ.

އޭރު އެރަށުގައި 200 އެއްހާ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.

comment ކޮމެންޓް