ޝައިޚު ނިޝާނަކީ އެއްވެސް އިރެއްގައި ހަރުކަށި ފިކުރު ފަތުރަން އުޅުނު ބޭފުޅެއް ނޫން: މާމެންދޫ ކައުންސިލް

އާދަމް ނިޝާން ބިން އަލީ އާދަމް ---

ޔޯގާ އިވެންޓުގެ ހަމަނުޖެހުމާއި ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރުކުރި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އަކީ އެއްވެސް އިރެއްގައި ހަރުކަށި ފިކުރު ފަތުރަން އުޅުނު ބޭފުޅެއް ނޫން ކަމަށް ލ. މާމެންދޫ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ޝައިޚު ނިޝާނަކީ އެންމެންގެވެސް ލޯތްބާއި ގަދަރު ލިބިގެންވާ ބޭފުޅެއް ކަމަށާއި އެ ރަށު ރައްޔިތުންނަށް ވެސް ޝައިޚު ނިޝާނަކީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ލަފާއެރުވުމުގައި ދެމިހުންނެވި ދީނީ އިލްމުވެރިއެއް ކަމަށެވެ.

"ޝައިޚު ނިޝާނަކީ ރަށާއި އިސްލާމްދީނަށްޓަކައި ނުހަނު ސާބިތުކަމާއެކު ވަޑައިގަންނަވާ ލަފާދާރެއް. ރަށުގައި ހަރުކަށި ފިކުރު ފަތުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް، ދީނީ ގޮތުން ސާފުކުރަން ޖެހޭ އެއްޗެއް އޮތަސް އިޚުލާސްތެރިކަމާއެކު އޮޅުންފިލުވައިދޭ،" އެ ބަޔާނުގައިވެއެވެ.

މާމެންދޫ ކައުންސިލުން ވަނީ ރޭގަ ޝައިޚު ނިޝާން ހައްޔަރުކި ވަގުތު ކަންތައް ހިނގައިދިޔަ ގޮތުން ސަރުކާރުގެ އިސްވެރިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ގަދަރު ވަރަށް ރަނގަޅަށް ވެސް ހާމަވެގެން ގޮސްފިކަމަށް ބުނެފައެވެ.

މީގެ އިތުރުން މާމެންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ޝައިޚު ނިޝާނު ވީ އެންމެ އަވަހަކަށް ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި އޭނާ ހައްޔަރުކުރިއިރު އަމަލުކުރި ގޮތް އަނިޔާވެރި އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކައުންސިލުގެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ.

ޝައިޚު ނިޝާނަކީ ލ. މާމެންދޫއަށް ނިސްބެވަޑައިގެންނަވާ ބޭފުޅެކެވެ.

ޝައިޚު ނިޝާން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން ރޭގެ ވަގުތެއްގައެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވެސް ހިމެނެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓް މުޙައްމަދު ރައްޒާން ވެސް ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

ޔޯގާ ޑޭ ފާހަގަކުރިޔަ ނުދިނުމަށްޓަކައި ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހަކަށް މިހާރު ވަނީ މުއްދަތު ޖަހާފައެވެ.

އަދި ރޭގެ ވަގުތެއްގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު އިސްމާއީލްއަށް މިއަދު ވަނީ ފަސް ދުވަހުގެ މުއްދަތު ޖަހާފައެވެ. އަދި ނިޝާންއަށް ހަތް ދުވަހުގެ މުއްދަތު ޖަހާފައިވާއިރު ފަޒްލޫނަށް އަދި މުއްދަތު ނުޖަހައެވެ.

ޔޯގާ ޑޭގެ ހަރަކާތް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ.

ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔޯގާ އިވެންޓުގެ ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ޓުވީޓެއް ކުރައްވާފައިވާއިރު އިއްޔެ ރޭގެ ވަގުތެއްގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ސަބްކޮމިޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް