ވަގު ޑޮލަރު ވިއްކި ދެ މީހުން 28،800ރ އިން ޖޫރިމަނާ ކޮށްފި

މީހަކު ޑޮލަރުތަކެއް ގުނަނީ: ވަގު ޑޮލަރު ވިއްކި ދެ މީހުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައި ---ސަން ފައިލް ފޮޓޯ// މުހައްމަދު އަފްރާހް

އޮޅުވާލައިގެން ބިދޭސީއަކަށް ވަގު ޑޮލަރު ވިއްކި ދެ ދިވެހިން 28,800 ރުފިޔާއިން ޖޫރުމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން މަކަރާއި ހީލަތް ހެދިކަމުގެ ދައުވާ އުފުލީ މުޙައްމަދު ނައުފަލް އިބްރާހީމް ޒާހިރު, ހ. ގަރޑްންބިއުޓީ އަދި މ. ފުސްފަޅު ނައުފަލް އިބްރާހީމްގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ރޭއެވެ. އެގޮތުން ބޭރު ފައިސާ ގަނެ ވިއްކާ ވައިބާ ގްރޫޕެއްގައި 900 ޑޮލަރު ވިއްކުމަށް ޕޯސްޓް ކުރީ އަޙްމަދު ނައުފަލް ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ޑޮލަރު ވިއްކުމަށް ޕޯސްޓް ކޮށްފައިވަނީ 16.50 ގެ ރޭޓުންނެވެ. ދިވެހި ރުފިޔާއިން 13،200 ދިނުމަށްފަހު އެ ޑޮލަރު ގަނެފައިވަނީ ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ މިރުޒާ އަޙްމަދު މާޒްއެވެ.

އޭނާ ގަތް 900 ޑޮލަރުގެ ތެރެއިން 800 ޑޮލަރަކީ ވަގު ޑޮލަރު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

އެ ދެ މީހުން ވެސް ކުށް ކުރި ކަމަށް އިއުތިރާފްވެ ދައުވާއަށް ވަނީ އިއުތިރާފް ވެފައެވެ. އަދި ޖަލު އަދަބެއް ނުދީ ވީހާވެސް ކުޑަ އަދަބެއް ދިނުމަށް އެދުނެވެ.

އެގޮތުން ޖޫރިމަނާ ފައިސާ ދެއްކޭނެ ކަމުގެ ގާބިލްކަން ހުރި ކަމަށް ދެ މީހުން ވެސް ވަނީ ބުނެފައެވެ. ވަގު ޑޮލަރު ވިއްކި މީހާއަށް ގެއްލުމުގެ ބަދަލު ލިބިފައިވާ ކަމަށް ބުނެ އޭނާ ވަނީ ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ނަމަވެސް ދައުލަތުން އެދިފައިވަނީ އެ ދެ މީހުންނާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ދިނުމަށެވެ.

ދައުލަތުން އެދުނު ގޮތާ ހިލާފަށް އެ މީހުން ޖޫރިމަނާ ކުރުމަށް ޝަރީއަތުން ނިންމީ އެފަދަ ކުށްތަކުގައި ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތަށް އުފުލަން ޖެހޭ މާލީ ބުރަ އަދި އިދާރީ ބުރަ ބޮޑުވާނެތީއެވެ. އަދި މަސްލަހަތު ބޮޑު ގޮތަކީ ވެސް ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ކުރުން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ މުޙައްމަދު މިސްބާހު ހުކުމް ކުރެއްވީ އެ ދެ މީހުންގެ މައްޗަށް އަންނާނެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް 28,800 ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

comment ކޮމެންޓް