'އިންޑިއާ އައުޓް' ހަރަކާތަކީ ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް އެކުލަވާލައިފި

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ

'އިންޑިއާ އައުޓް' ހަރަކާތްތައް ފަދަ ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަތަހަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ބަޔާން ކުރުމަށް އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

އެ ބިލުގައިވާ ގޮތުން އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުމަކީ ޖިނާއީ ކުށެކެވެ. އަދި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސައަކަށް ގެއްލުން ދިނުން ނުވަތަ ގޮވާލުމާ އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުމާ އެކަން ކުރަން ގޮވާލުމަކީ ވެސް ކުށެކެވެ. މީގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމަކީ ވެސް އެ ބިލުގައިވާ ގޮތުން ކުށެކެވެ.

އޭޕްރިލް މަހުގެ 21ގައި ރައީސް ސޮއި ކުރައްވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގެ ނަމުގައި ގަރާރެއް ނެރުއްވާފައިވެއެވެ.

އެ ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރު ނެރެފައިވީ ނަމަވެސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ދަނީ ކުރަމުންނެވެ.

ޕީޕީއެމްއިން ބުނަނީ ރައީސްގެ ގަރާރަކުން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ. އަދި އެ ކެމްޕޭން ފުޅާކުރާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް