ހަމަނުޖެހުމަށް ހިތްވަރެއް ނުދޭނަން، އެއްވުމުގައި ބައިވެރިއެއް ނުވަން: ސަލަފް

ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާ މަންޒަރު --- ޓުވިޓާ ފޮޓޯ/ ޝިއުނާ

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތްތައް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގީ ޖަމިއްޔަތުލް ސަލަފުން ނޫން ކަމަށާއި ހަމަނުޖެހުމަށް ހިތްވަރު ނުދޭނެ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.

ސަލަފުން މިހެން ބުނީ މިއަދު ގަލޮޅު ދަނޑުގައި ފެށި ޔޯގާ އިވެންޓުގައި ހަމަނުޖެހުން އުފައްދާ އެތާ ތިބި މީހުންނަށް އިންޒާރުދިނީ ސަލަފުގެ ބައިވެރިވުން އޮވެގެން ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

މިއަދު ސަލަފުން ނެރުނު އެ ބަޔާނުގައި ވަނީ މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމުގައި ހުރެގެން ހަގީގަތް ނުބަލައި އެ ޖަމިއްޔާއަށް ކޮށްފައި ވަނީ ނުރައްކާތެރި ތުހުމަތެއް ކަމަށެވެ. އަދި އެއީ މީހުންގެ ހިތްތަކުގައި އެ ޖަމިއްޔާއާ މެދު ނަފުރަތު އުފެއްދުމުގެ ބޭނުމުގައި މިނިސްޓަރު މަހުލޫފް ކުރެއްވި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރިއެވެ.

"އަޅުގަނޑުމެންނާ ގުޅިގެން މިނިސްޓަރު މަހުލޫފް ހެއްދެވީ ދޮގު. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ހަގީގަތް ނުބަލައި ކޮށްފަވާ ތުހުމަތަކީ ނުރައްކާތެރި ތުހުމަތެއް. ހަމައެކަނި ބޭނުމަކީ ޖަމިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން،" އެ ބަޔާނުގައިވެއެވެ.

ސަލަފުން ބުނީ ޔޯގާގެ ހަރަކާތް ރާއްޖޭގައި ފެށި ހިސާބުން ފެށިގެން އެކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް އެކަމާ ގުޅިގެން ދީނުގެ ހުކުމްތައް ކިޔައިދީ ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އެ ޖަމިއްޔާއަކީ އެއްވެސް ހާލަތެއްގައި ޝަރުއީ ނިޒާމުން ބޭރުން ގައުމުގެ މިނިވަންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަދި ގައުމުގެ އަމުނާ ސަލާމަތު ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި ހިންގާ "ވަޔަލެންޓު" ކަންކަމަށް ތާއީދު ކުރާނެ ބައެއް ނޫން ކަމަށް ސަލަފުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޔޯގާ ހަރަކާތަކީ އެ ޖަމިއްޔާއާ ގުޅުންހުރި ހަރަކާތެއް ނޫންކަންވެސް އެ ހަރަކާތް ހިންގުމުގެ ކުރިން ހާމަކޮށްފައިވާނެ ކަމަށް ސަލަފުގެ ބަޔާނުގައި ފާހަގަކުރިއެވެ.

މިއަދު ހެނދުނު 6:30 ގައި ފެށި ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން އުފައްދައި އެތާ ތިބި މީހުންނަށް އިންޒާރުދީ އަދި މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ.

އޭރު އެތާ ތިބި ހައެއްކަ ފުލުހުންވެގެން ޕެޕާސްޕްރޭ ބޭނުންކޮށްގެން ހަމަނުޖެހުން ހުއްޓުވާފައިވާއިރު އެކަމާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް މިއަދު ބަޔަކު ވަދެގަނެ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އެޅި ފަރާތްތައް ހޯދައި އެ މައްސަލަ ބެލުމަށް މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ރައީސްގެ އެ ޓުވީޓުގައި ޔޯގާ އިވެންޓުގެ ބައިވެރިންނަށް ހަމަލާ ދީ ހަމަނުޖެހުން ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ހިންގި ހަމަނުޖެހުން އެމްޑީޕީ އަދި ޕީޕީއެމް އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ދީނާ ހިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ދުވަސް ފާހަގަ ކުރުން ހުއްޓުވިއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި އަހަރު އެ ދުވަސް މާލޭގައި ފާހަގަ ކުރިއެވެ. އެފަހަރު ވެސް ފާހަގަ ކުރީ އިންޑިއަން ކަލްޗާ ސެންޓަރާއި ދިވެހި ސަރުކާރާ ގުޅިގެންނެވެ. އޭރު އެ ހަރަކާތަށް އެއްވެސް ބަޔަކު ހުރަހެއް ނާޅައެވެ.

comment ކޮމެންޓް