އޯޓީ އާއި ޕްރޮމޯޝަން ނުދިނުން ހިމެނޭހެން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް

ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިހާރު ދުނިޔޭގެ މަޝްރަޚަށް ބަލައި ކުރިމަތިވާ ދަތި އުނދަގޫތަކުން ސަރުކާރުގެ ޚަރަދުތައް ވެސް އިތުރުވަމުން ދާތީ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް އަންގައިފިއެވެ.

ރަޝިއާ އަދި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި މި ނޫންވެސް އެހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާތީ ސަރުކާރުގެ އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށް އަންގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާފައިވާ ސާކިއުލާއެއް ވަނީ އިއްޔެ ސަރުކާރު އޮފީސްތަކަށް ފޮނުވާފައެވެ.

އެގޮތުން ރަޝިއާ އަދި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އެއްޗެހީގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ޚަރަދުތަކާއި އާމްދަނީ ހަމަ ޖެއްސުމަށް ލިބޭ ޖާގަ ވިސްނަން ޖެހޭ މިންވަރަށް ހަނިވަމުންދާ ކަމަށް އެ ސާކިއުލާގައިވެއެވެ.

"ދުނިޔޭގެ މަޝްރަޚު މިވަގުތު އޮތް ގޮތުން ގިނަ ގޮންޖެހުންތަކެއް އެބަހުރި. އެއްޗެތީގެ އަގު ބޮޑުވެ ޚަރަދުތައް އިތުރުވަމުން އެބަދޭ. ޚަރަދުތައް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ އޭގެ ބުރަ އުފުލަން ޖެހޭނެ. މިވަރު ބުރައެއް މި ދަނޑިވަޅުގައި އުފުލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ހަރަދުތައް އިގްތިސާދު ކުރަން މިވަގުތު އިސްކަންދޭން ޖެހޭ،" ފިނޭންސްގެ ސާކިއުލާގައިވެއެވެ.

އެ ސާކިއުލާގައި ޚަރަދުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އޮފީސް ހިންގަން ކޮންމެހެން ބޭނުންވާ ހިދުމަތެއް ނޫނީ މިވަގުތު މުވައްޒަފުން ނުހޯދުމާއި އާ ސްކޮލާޝިޕްތައް ނުފެށުމާއި ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެން ޓްރެއިނިން އެއް ކުރިޔަށް ނުގެންދިޔުން ހިމެނެއެވެ.

މީގެ އިތުރުން އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ނުވަތަ ހިދުމަތެއް މެދު ނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުމާއި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދެއް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމުގެ އިތުރުން އެ ހުރިހާ ކަމެއްގެ ތެރެއިން ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5،000 ރުފިޔާއަށް ވުރެ އިތުރަށް ހަރަދުވާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ ސާކިއުލާގައި ވަނީ އަންގައިފައެވެ.

ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބަޖެޓުން ޚަރަދުކުރަން ޖެހޭ އެއްވެސް އާ މަގާމެއް ނޫފެއްދުމަށާއި މުވައްޒަފުންނަށް މި އަހަރު އިތުރަށް އެއްވެސް އާ އެލެވެންސް އެއް ދޭން ނުފެށުމަށް އަންގާފައިވެއެވެ. އަދި މިނިސްޓްރީގެ ހުއްދައާ ނުލައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމަށާއި ރަސްމީގަޑީގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ފިޔަވައި އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ.

އެ ސާކިއުލާއަށް މިއަދުން ފެށިގެން ދައުލަތުގެ ހުރިހާ އޮފީސްތަކެއް އަމަލުކުރަން ޖެހޭނެ ކަމަށާއި ކައުންސިލްތަކުން ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް