ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޯޗިން ކޯސް ނިންމައި ބައިވެރިންނަށް ލިޔުން ހަވާލުކޮށްފި

ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޯޗިން ކޯހުގެ ބައިވެރިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކައުންސިލު

ށ. އަތޮޅު ކައުންސިލްގެ މި އަހަރުގެ ބަޖެޓުގެ ތެރެއިން ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޯޗިން ކޯސް ނިންމައި ބައިވެރިންނަށް ލިޔުން ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު ފުނަދޫ އަތޮޅުވެހި ދޭއްގެ ކޮންފަރެންސް ރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމާއި ކައުންސިލުގެ ސީނިއާ ކައުންސިލު އެގްޒެކްޓިވް މުޙައްމަދު ހަމީދާއި ކޯޗު އިބްރާހިމް ހައިޝަމް ޢަބްދުﷲއެވެ.

އެ ކޯހުގެ ކޯޗުންނަށް ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ އަތޮޅު ކައުންސިލުގެ ރައީސް ޝިޔާމެވެ. އަދި ކޯޗުންނާއި އެންމެހާ ބައިވެރިން ސޮއިކޮށްފައިވާ ބޯޅަ އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ ކޯޗު ހައިޝަމެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ އަތޮޅު ކައުންސިލުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޯސް ބޭއްވި މުއްދަތުގައި ބައިވެރިންގެ ފަރާތުން ފެނިފައިވާ ރީތި އަޚުލާގު ފާހަގަކުރެއްވިއެވެ. އަދި ކޯހުން ލިބުނު ފިލާވަޅުތަކާ އެއްގޮތަށް ރަށްރަށުގައި ކޯޗިންގެ ކޯސްތައް ހިންގައި، މި އަހަރު އަތޮޅު ކައުންސިލުން ބާއްވާ ހޭންޑުބޯލް މުބާރާތްތަކުގައި ރަނގަޅު ޓީމުތަކެއް އެކުލަވައިލުމަށް މަސައްކަތް ކުރުމަށް އޭނާގެ ވާހަކައިގައި އެދިލެއްވިއެވެ.

މީގެ އިތުރުން އެ ކޯސް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދިއުމަށް ހޭންޑްބޯލު މޯލްޑިވްސްއިން ވެދިން އެހީތެރިކަމަށް ޝިޔާމް ޝުކުރުއަދާކުރެއްވިއެވެ.

ހޭންޑްބޯލް ކޯޗިން ކޯހަކީ ށ. އަތޮޅު ކައުންސިލާއި ހޭންޑްބޯލް މޯލްޑިވްސްއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި ޖުމުލަ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިން ވަނީ ހަނދާނީ ލިޔުން ހާސިލުކޮށްފައެވެ.

comment ކޮމެންޓް