ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއިން ދައްކުވައިދިން އެއްބައިވަންތަކަމަކީ ލަންކާގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިއަދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާނު 'ދީތުވާ'ގެ ސަބަބުން އެ ގައުމުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ފަދަ ނުރައްކާތެރި ހާދިސާތަކުގައި މިހާތަނަށް 465 މީހުން މަރުވެ، 366 މީހުން ވަނީ ގެއްލިފައެވެ.
ލަންކާއަކީ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އާންމުކޮށް ގޮސް އުޅޭ ގައުމެއް ކަމަށްވާއިރު، ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ވެސް ކުރެއެވެ.
ދިވެހީން އަންނަނީ އެކި ގޮތް ގޮތުން އެ ގައުމަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ ޓެލެތޯންގައި އެކަނިވެސް، އަށް ލައްކަ ޑޮލަރަށްވާ ވަރަށް ފައިސާ ލިބިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާ ކުރަން ވެސް ނިންމައިފައެވެ.
އެ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ޑިސަނަޔަކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގައުމަށް ދިމާވި ހިތްދަތި ހާލަތުގައި، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބެހެއްޓެވި އޯގާތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ދިވެހީން ފޯރުކޮށްދިން ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާއާ ދެމެދުގައި ޒާމާނުންސުރެ ގާއިމު ވެފައިވާ ގާތް ގުޅުޅުމުގެ ވަރުގަދަކަންކަމަށް ރައީސް ޑިސަނަޔަކަ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުގެ ފަރާތުން ފެނުނު މި އެއްބައިވަންތަކަމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމެއް. އަދި މިކަމުން ދައްކައިދެނީ ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ޒަމާންވީ ގުޅުމުގެ ވަރުގަދަކަން.
ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.