އެމްއެންޕީގެ އެތެރޭގެ އިންތިޚާބު އޮގަސްޓު މަހުގެ ހަވަނަ ދުވަހު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ސްޕޯކްސް ފާސަން އަސްރާ އަޙްމަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ ---

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެތެރޭގެ އިންތިޚާބު މިއަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަސްރާ އަޙްމަދު ވިދާޅުވީ މިހާރު އެ ޕާޓީގެ މަގާމުތަކަކީ ވަގުތީ މަގާމުތަކެއް ކަމަށެވެ. އެހެން ކަމުން މިއަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހު އެޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާ ދުވަސް މިވަނީ ކަނޑައަޅާފަ. އިއްޔެ ވާނީ މަގާމުތަކަށް ކުރިމަތިލުމަށް ވެސް ހުޅުވާލާފަ. ޑެޑްލައިންގެ ކުރިން ފޯމުތައް ހުށަހެޅުމަށް ހަނދާން ކޮށްދެން،" އަސްރާ ވިދާޅުވިއެވެ.

އަސްރާ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ ދުވަސް ހަމަވުމުގެ ކުރިން މިހާރު ޕާޓީގައި ނެތް ބޭފުޅުންނަށް ވެސް ޕާޓީ އަށް ވަނުމަށްފަހު އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށެވެ.

"އެއީ ބޮޑަށް ފުރުސަތު ދިނުމުގެ ގޮތުން. އެމްއެންޕީ އަކީ ހެޔޮ ބަދަލަކަށް އަދި ހަރުދަނާ ރައްޔިތުންތަކެއް ބިނާކުރުމަށް އުފެދިގެން އައި ޕާޓީއެއް. އެހެންވީމަ މިކަހަލަ ފުރުސަތު ވާހަވެސް ބޮޑަކަށް ދޭން ބޭނުން،" އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ޕާޓީގެ ރައީސާއި ރާއްޖޭގެ ފަސް ދާއިރާ އަކަށް ބަހާލައިގެން ކޮންމެ ދާއިރާ އަކަށް ނައިބު ރައީސުން ވެސް އިންތިޚާބު ކުރާނެއެވެ. މާލޭ ސަރަހައްދުން 15 ދާއިރާ އަކަށް ރައީސުންނާއި ނައިބު ރައީސުން އަދި އަތޮޅު ތެރެއިން ކޮންމެ ދާއިރާ އަކަށް ރައީސުންނާއި ނައިބު ރައީސުން އިންތިޚާބުކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމްއެންޕީގެ ވިމެންސް ވިންގުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ހޮވުން ވެސް އޮންނާނެއެވެ.

މަގާމުތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ މި މަހުގެ 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެމްއެންޕީން ބުނި ގޮތުގައި ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމަށްފަހު އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތެއް ކެންޕޭނު ކުރުމަށް ލިބޭނެއެވެ.

މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން މައުލޫމާތު އެމްއެންޕީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް