ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވަނީ އަޅުގަނޑު: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަޒު ނާޒިމް -- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެކަކަށް ވާނީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަޒު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕިއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑީޑޭޓު ޑރ. މުހައްމަޒު މުއިއްޒާ އެކު މަސައްކަތް ކުރައްވަން ނިންމަވައި، އަތޮޅު ތެރެއަށް މިއަދު ފެއްޓެވި ފުރަތަމަ ދަތުރުފުޅުގައި އއ. ފެރިދުއަށް ވަޑައިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮތުމަކީ އޭނާ އެދޭ ގޮތެއް ނޫން ކަމަށެވެ.

ސެލެެކްޓިވް ޖަސްޓިސްގެ ތެރެއިން 'ހަރާން ހުކުމެއް' ކުރުމަކީ ވެސް އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އަދި މިތާ ތިއްބެވި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެންމެ ބޮޑަށް އޭނާ ބޭނުންވަނީ ރައީސް ޔާމީން މިނިވަންވެ އިދިކޮޅުގެ މަސައްކަތުގައި ހުންނަވާތަން ފެނުމަށް ކަމަށެވެ.

އޭނާ ވަނީ ދޮގު ވާހަކަތައް ދައްކައި އިދިކޮޅަށް ތާއީދުކުރާ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓައިލުމަށް ވެސް ސަރުކާރަށް ގޮވައިލައްވައިފައެވެ.

"އެހެންވީމާ ވަަރަށް ސާފުވާނެ މިކަމުގައި މިއަދު އަޅުގަނޑުގެ ސްޓޭންޑް އޮތްގޮތް،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެމްއެންޕީން އެންމެ އިސްކަންދީގެން ކުރާ މަސައްކަތަކީ ގައުމު މިއަދު އޮތް ހާކަތުން ސަލާމަތްކުރުމުގެ މަސައްކަތްކަމަށެވެ.

އެ މަސައްކަތުގައި އިދިކޮޅު ކޯލިޝަނާއެކު އެއްބަސްވުމެއް އެކުލަވައިލައި ކުރިއަށްދާއިރު އެއްވެސް ޝަރުތެއް ނޯންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 1،907 ވޯޓު ލިބިވަޑައިގެން ނާޒިމް ވަނީ ޕީޕީއެމް،ޕީއެންސީއާ އެކު ކޯލިޝަން ހަދައިފައެވެ. މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވިއިރު ނާޒިމް ފުރަތަމަ ހުންނެވީ ޕީޕީއެމްގައެވެ. އެކަމަކު، ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ކަމުގެ ތުހުމަތުގައި އެ ސަރުކާރުގައި ވަނީ ނާޒިމް ޖަލަށްލައިފައެވެ.

އެ ފަހުން، އޭނާ ވަނީ ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފެއްދި ކޯލިޝަންގައި އިސް ދައުރެއް އަދާކޮށްފައެވެ. ފަހުން އޭނާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާއެވެ.

އެކަމަކު، ފަހުން ޖޭޕީން ވެސް ވަކިވެ، މިހާރު އޭނާ ގެންދަވަނީ އެމްއެންޕީގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ސިޔާސީ ހަރަކާތް ހިންގަމުންނެވެ.

comment ކޮމެންޓް