ވެއްޓުނު، ނޭޕާލްގެ މަތިންދާބޯޓުން ދަތުރު ކުރި 14 މީހެއްގެ ހަށިގަނޑު ފެނިއްޖެ

އިއްޔެ ވެއްޓުނު ޓާރާ އެއާލައިން -- ފޮޓޯ / ރޮއިޓާސް

އިއްޔެ 22 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ނޭޕާލްގެ ޓާރާ އެއާލައިންސްގެ ބޯޓު ވެއްޓުނު ސަރަހައްދުން ސާދަ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ޑިއޯ ޗަންދްރަ ލާލް ވިދާޅުވީ އެ ބޯޓުން ދަތުރު ކުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

ނޭޕާލްގެ މަޝްހޫރރު މަންޒިލަކަށް އިއްޔެ ދަތުރުކުރަމުން ދިޔަ އެ މަތިންދާބޯޓުގައި އިންޑިއާގެ ހަތަރު މީހަކާއި ޖަރުމަނުގެ ދެ މީހުންގެ އިތުރުން ނޭޕާލްގެ ސޯޅަ މީހުން ތިބި ކަމަށް އެ އެއާލައިނުންނާއި ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

ނޭޕާލްގެ ޓާރާ އެއާލައިންސްގެ އެ ބޯޓު ދަތުރު ފެށީ ހެނދުނު 9:50ގައި ކަތަމަންޑޫއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮކާރާއިންނެވެ. އެ ބޯޓު ނައްޓާލިތާ ކުޑަ އިިރުކޮޅެއްގެ ތެރޭގައި އެއާޕޯޓާ ގުޅުން ކެނޑުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޫސުން ގޯސްވެ އަނދިރިވުމުގެ ސަބަބުން އެ ބޯޓު ހޯދުމުގެ މަސައްކަތް އެއް ފަހަރު މެދުކަނޑާލަން ޖެހުނު ނަމަވެސް ނޭޕާލްގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި ޕްރައިވެޓް ހެލިކޮޕްޓަރުތަކުން ވަނީ އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށްވާ ނާރަޔަން ސިލްވާން ވަނީ މަތިންދާބޯޓުގެ ޓެއިލް ނަމްބަރު ފެންނަ ފޮޓޯއަކާއި، އެ ބޯޓުގެ އިތުރު ބައިތައް ފެންނަ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށްފައެވެ.

ނޭޕާލްއަކީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެކްސިޑެންޓުތައް ވަރަށް ގިނައިން ހިނގާ ގައުމެކެވެ. އެއީ އެގައުމުގެ މޫސުން ކުއްލި ގޮތަކަށް ބަދަލުވުމަކީ އާންމު ކަމަކަށް ވާތީއާއި ގިނަ އެއާޕޯޓުތައް ފަރުބަދަމަތީ ސަރަހައްދުތަކުގައި ހަދާފައިވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް