ނޭޕާލް ބިންހެލުންމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ: މިނިސްޓްރީ

ނޭޕާލަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ގެއެއް -- ފޮޓޯ/ އޭއެފްޕީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ނޭޕާލަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ނޭޕާލަށް އައި ބިންހެލުމާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ގާތުން ބަލަމުންދާކަމަށެވެ. ބެލިބެލުމުން މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ވާކަމުގެ މައުލޫމާތު ނުލިބޭކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބި ނުވަތަ ބިންހެލުމުގެ އަސަރު ކޮށްފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިނަށް ގުޅާ އެކަން އެންގުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ، ނޭޕާލްއަށް ބިންހެލުން އައި ސަރަހައްދުގައި އެއްވެސް ދިވެއްސެއް ދިރިއުޅޭކަމަށް މިނިސްޓްރީގެ ރިކޯޑުން ނުދައްކާ ކަމަށެވެ. އެ ސަރަހައްދުގައި އެއްވެސް ދިވެއްސެއް ހުރި ނަމަ އަދި އެހީއަށް ބޭނުންވާ ނަމަވެސް ވީއެއްމެ އަވަހަކަށް އެކަން ވެސް މިނިސްޓްރީއަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ނޭޕާލްގެ އާތުކުއޭކް މޮނިޓަރިންގް އެންޑް ރިސާޗް ސެންޓަރާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަތުމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޖަޖަ ކޯޓް ޑިސްޓްރިކްޓަށެވެ. ބިންހެލުން އައި ކަމަށް ރެކޯޑުކޮށްފައިވާ ގަޑިއަކީ ރޭ 11:47 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން 11 ޖެހިއިރުއެވެ.

މި ބިންހެލުމުގައި މިހާތަނަށް 140 މީހުން ވަނީ މަރުވެފައެވެ. މި ބިންހެލުމަކީ 2015 ވަނަ އަހަރަށް ފަހު ނޭޕާލަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ނޭޕާލަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިން ކިޔަވާ ގައުމެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެގައުމަށް އައި ބިންހެލުމުގައި ވެސް ދިވެހި ދަރިވަރުންނަށް ބިންހެލުމުގެ އަސަރުކޮށް ރާއްޖެ ގެނައެވެ.

comment ކޮމެންޓް