ނޭޕާލްގައި 22 މީހުން ދަތުރުކުރަމުން ދިޔަ ފްލައިޓެއް ވެއްޓިއްޖެ

ނޭޕާލްގައި 22 މީހުން ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ފްލައިޓް -- ފޮޓޯ/ ދަ އިންޑިއަން އެކްސްޕްރެސް

ބާވީސް މީހުންނާއެކު ނޭޕާލްގެ މަޝްހޫރު މަންޒިލަކަށް ދަތުރުކުރަމުން ދިޔަ ކުޑަ މަތިންދާބޯޓެއް މިއަދު ވެއްޓިއްޖެއެވެ.

ނޭޕާލްގެ ޓާރާ އެއާލައިންސްގެ އެ ބޯޓު ދަތުރު ފެށީ ހެނދުނު 9:50ގައި ކަތަމަންޑޫއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮކާރާއިންނެވެ. އެ ބޯޓު ނައްޓާލިތާ ކުޑަ އިިރުކޮޅެއްގެ ތެރޭގައި އެއާޕޯޓާ ގުޅުން ކެނޑުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަވާރަ ފަތުރުވެރިންނާއި ތިން ފަޅުވެރިން ދަތުރުކުރަމުންދިޔަ އެ ބޯޓު ވެއްޓުނީ ލެޓޭ ހިލް ސަރަހައްދަށެވެ.

މިއަދުގެ ވަގުތެއްގައި ވެއްޓިފައިވާ އެ ބޯޓުގައި އިންޑިއާގެ ހަތަރު މީހަކާއި ޖަރުމަނުގެ ދެ މީހުންގެ އިތުރުން ނޭޕާލްގެ 13 މީހުން ތިބި ކަމަށް ނޭޕާލްގައި ހުންނަ އިންޑިއާގެ އެމްބަސީން ކޮށްފައިވާ ޓުވީޓެއްގައިވެއެވެ.

އެ އެމްބަސީން ބުނީ ވެއްޓުނު ބޯޓުގައި ތިބި މީހުން ހޯދުމާއި ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށާއި، ބޯޓުގައި ތިބި އިންޑިއާގެ ފަސިންޖަރުންގެ އާއިލާތަކާ ވެސް ގުޅަމުން ދާކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް