ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ލިބުނީ ހައްޖު ކޯޕަރޭޝަނަށް އެކަނި

އޯގަސްޓް 15، 2016: 2016ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް މީހުން ފޮނުވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ސަރުކާރުން މިއަހަރު ދީފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން އެހެން ނިންމީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާޢަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި އިވެލުއޭޓު ކުރުމަށް ވަގުތު ނެތުމުންކަމަށެވެ.

މީގެއިތުރުން އެ ބަޔާނުގައިވަނީ ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ރާއްޖެއަށް ދިން 453 ކޯޓާގެތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލުމަށް އެކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.

އެ ފުރުސަތު އާންމުންނަށް ހުޅުވާލުމުގެ ބޭނުމަކީ އާންމުންގެ ތެރެއިން ހައްޖަށް ދިއުމަށް އެއްވެސް ގްރޫޕަކަށް ފައިސާ ދައްކާފައި ނުވާ މީހުންނަށް މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމެވެ.

އެހެންކަމުން ހައްޖު ކޯޕަރޭޝަންގެ ކިއޫގައި ތިބި މީހުނަށް ވެސް މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

އެ ފުރުސަތަށް އެދި ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާންމުކުރާނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ހުރިހާ ގައުމަކަށް ހައްޖަށް މީހުން ފޮނުވުމުގެ ފުރުސަތު ލިބުނީ މަދުންނެވެ. ނަމަވެސް ހައްޖަށް މީހުން ގެންދިއުމަށް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް