މަންކީޕޮކްސް ކޭސްތަކާ މެދު އެންމެންވެސް ކަންބޮޑުވާން ޖެހޭ: ބައިޑަން

ފޮޓޯ: އިވާން ވުޗީ

ދުނިޔޭގައި މަންކީޕޮކްސް ފެތުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު ވިދާޅުވެއްޖެއެވެ.

ބައިޑަން ދެކުނު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ބަލި ހަލުވިކަމާއެކު ފެތުރުމުން އޭގެ ނޭދެވޭ އަސަރު ކުރާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެ ބައްޔަށް ހުށަހެޅިފައިވާ މީހުންގެ އަދަދު އަދި ނޭނގޭ. ނަމަވެސް މި ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް،" ބައިޑަން ވިދާޅުވިއެވެ.

ބައިޑަންގެ ސެކިއުރިޓީ އެޑްވައިޒަރު ޖެކް ސުލިވަން ވިދާޅުވީ މަންކީޕޮކްސްއިން ރައްކާތެރިކޮށްދެވޭނެ ވެކްސިންގެ ސަޕްލައި އެމެރިކާގައި ހުރި ކަމަށެވެ. އަދި ބައްޔާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބައިޑަންއަށް ގަވާއިދުން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންކީޕޮކްސްއަކީ އެފްރިކާއިން ބޭރުން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ނަމަވެސް ހުކުރު ދުވަހާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 މީހަކަށް އެ ބަލި ޖެހިފައިވާ އިރު، އޭގެ ތެރޭގައި އެމެރިކާގެ ދެ ރައްޔިތަކު ހިމެނެއެވެ.

މަންކީޕޮކްސް ވައިރަހާ ބެހޭ ދިރާސާތައް މިހާރު ވެސް ކުރަމުންދާއިރު މިއީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މަންކީޕޮކްސްއަށް ވަކިން ވެކްސިންއެއް އަދި ތައްޔާރުކޮށްފައި ނުވި ނަމަވެސް، ކަށިވިދުރި ނައްތާލުމަށް ޖަހާ ވެކްސިނުން މަންކީޕޮކްސްއިން ވެސް ރައްކާތެރިކޮށްދެއެވެ.

comment ކޮމެންޓް