ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެގުނަ އިތުރުވުމަށްފަހު، އެމެރިކާގެ ގައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.
ޓްރެޝަރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަންގާރައާ ހަމައަށް އެމެރިކާގެ ދަރަނި ވަނީ 40.05 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2016 ވަނަ އަހަރު 20 ޓްރިލިއަން ޑޮލަރަށް ވުރެ ދަށުގައި ހުރި އަދަދެކެވެ.
މި ދަރަނި އިތުރުވެފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ކުރި ބޮޑެތި ހޭދަތަކާއި، އިންޓަރެސްޓް ދައްކަންޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) އިން ކުރިން ލަފާކޮށްފައިވާ ގޮތުގައި، އެމެރިކާގެ ދަރަނި 39.6 ޓްރިލިއަން ޑޮލަރަށް އަރާނީ 2026 ވަނަ އަހަރުގެ މާލީ އަހަރު ނިމޭއިރުއެވެ.
ސީބީއޯއިން ބުނާ ގޮތުގައި އެމެރިކާ މިހާރު ގާތްވަމުން އަންނަނީ 41.1 ޓްރިލިއަން ޑޮލަރުގެ ދަރަނީގެ ލިމިޓާއެވެ. އަދި 2036 ވަނަ އަހަރާ ހަމައަށް ދަރަނި 64 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސަރުކާރުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ކުރާ ހޭދަ އިތުރުވުމާއެކު، އާންމުންނަށް ވަނީ އިންޓަރެސްޓް ރޭޓާއި އިންފްލޭޝަން މަތިވުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އިންވެސްޓަރުންގެ އަތުން ފައިސާ ހޯދުމަށް ބޭނުންކުރާ 30 އަހަރުގެ ބޮންޑުގެ އިންޓަރެސްޓް ރޭޓް އަންގާރަ ދުވަހު ވަނީ 5.34 ޕަސެންޓަށް އަރާފައެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި މި ރޭޓް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މި ރޭޓްތައް މައްޗަށް ދިއުމުގެ ސަބަބުން ގެދޮރު ގަތުމަށާއި، ކާރު ގަތުމަށާއި، ކްރެޑިޓް ކާޑުތަކަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުވެއެވެ.
ބޮންޑުގެ އިންޓަރެސްޓް ރޭޓް މައްޗަށް ދިޔައީ އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކުރުމަށް ޓެކް ކުންފުނިތަކުން ގިނަ އަދަދަކަށް ލޯނު ނެގުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ދިގު މުއްދަތުގެ ބޮންޑުތަކަށް ލުޔެއް ދިނުމުގެ ގޮތުން، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ބޮންޑު ގަންނަ މިންވަރު ދެ ބިލިއަން ޑޮލަރުން ހަތަރު ބިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފައެވެ. މި ބަދަލާއެކު 30 އަހަރުގެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވަނީ 5.18 ޕަސެންޓަށް ދަށްވެފައެވެ.
އޮކްސްފޯޑް އިކޮނޮމިކްސްގެ އިސް އެނަލިސްޓް ޖޯން ކެނަވަން ވިދާޅުވި ގޮތުގައި، މިއީ ދިގު މުއްދަތުގެ ލޯނުތަކުގެ ހަރަދު ކުޑަކުރުމަށް ކުރި މަސައްކަތެކެވެ.
ނަމަވެސް، ޖަރުމަނުގެ ޑީޒެޑް ބޭންކުގެ ސީނިއާ އެނަލިސްޓް ރެނޭ އަލްބްރެކްޓް ވިދާޅުވީ، އެމެރިކާ ސަރުކާރުން މި ފިޔަވަޅު އެޅީ އިންޓަރެސްޓް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތީގައި ހުރުމުން އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވާނެ ދަތިތަކަށް ބިރުން ކަމަށެވެ.
އަދި އިގްތިސާދީ މާހިރު މުހައްމަދު އޭ. އެލް-އެރިއަން ވިދާޅުވި ގޮތުގައި، މިއީ އިންޓަރެސްޓް ރޭޓް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅޭ އުސޫލެއް ކަމަށް ވިޔަސް، މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އެބައޮތެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިގްތިސާދީ އުފެއްދުންތެރިކަމާ އަޅައިބަލާއިރު ދަރަނި ހުރި މިންވަރު (ޑެޓް-ޓު-ޖީޑީޕީ ރޭޝިއޯ) ހުރީ 125.8 ޕަސެންޓުގައެވެ. މިއާ ހިލާފަށް އިނގިރޭސިވިލާތުގެ ރޭޝިއޯ ހުރީ 103.6 ޕަސެންޓުގައެވެ. އަދި ޗައިނާގެ ރޭޝިއޯ ހުރީ 106.9 ޕަސެންޓުގައެވެ. ޖަޕާނުގެ ދަރަނި 200 ޕަސެންޓަށް ވުރެ މަތީގައި އުޅޭއިރު، އެމެރިކާގެ 30 އަހަރުގެ ފިކްސްޑް މޯގޭޖް ރޭޓް މިހާރު ހުރީ 6.67 ޕަސެންޓުގައެވެ. މިއީ 2023 ވަނަ އަހަރު މި ރޭޓް 7.7 ޕަސެންޓުގައި ހުރި މިންވަރަށް ވުރެ ދަށް އަދަދެކެވެ.
އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވްގެ އެންމެ ފަހުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން ދައްކާ ގޮތުގައި، އިންފްލޭޝަނާ މެދު ޕޮލިސީމޭކަރުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ފެޑެރަލް ރިޒާވުން ވަނީ ވިދިވިދިގެން ފަސްވަނަ ފަހަރަށް އިންޓަރެސްޓް ރޭޓް 3.50 ޕަސެންޓާއި 3.75 ޕަސެންޓާ ދެމެދުގައި ހިފަހައްޓާފައެވެ. ނަމަވެސް، އިންފްލޭޝަން ދަށްނުވާނަމަ އިންޓަރެސްޓް ރޭޓް މައްޗަށް ޖައްސަން ޖެހިދާނެ ކަމަށް ބައެއް މެންބަރުން ވަނީ ލަފާދީފައެވެ.