'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވާ ގަރާރާމެދު އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ގަރާރާމެދު އެމްނެސްޓީ އިންޓަނޭޝަލްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީން ބުނީ ރާއްޖޭގައި ސުލްހަވެރި މުޒާހަރާތައް ކުރާ މީހުންނާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާކަމުގެ ރިޕޯޓްތަކާއި، އެފަދަ ހާދިސާތަކުގެ މަންޒަރުތައް ލިބެމުންދާ ކަމަށެވެ.

"އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެފަދަ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކޮށް ދާދިފަހުން ނެރުނު ގަރާރަކުން އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،" އެމްނެސްޓީން މިއަދު ކުރި ޓްވީޓެއްގައިވެއެވެ.

ހަމައެއާއެކު، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ގިނަވުމަކީ އެ ޖަމުއިއްޔާއިން ކުށްވެރި ކުރާ ކަމެއް ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލާ އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށް އެމްނެސްޓީން ބުންޏެވެ.

މިދިޔަ މަހުގެ 21ގައި ރައީސް ސޮއި ކުރައްވާ ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރު ނެރެފައިވީ ނަމަވެސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ދަނީ ކުރަމުންނެވެ.

ޕީޕީއެމްއިން ބުނަނީ ރައީސްގެ ގަރާރަކުން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ. އަދި އެ ކެމްޕޭން ފުޅާކުރާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް