އިސްލާމިކް ސެންޓަރެއް ޑިޒައިން ކުރަން ހުޅުވާލައިފި، އިނާމަކީ އެއް މިލިއަން ރުފިޔާ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް -- ސަން ފޮޓޯ

އެއް މިލިއަން ރުފިޔާގެ އިނާމަކާއެކު، އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމުންނަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކޮންމެ އާކިޓެކްޓަކަށްވެސް މި ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށެވެ.

ތަފާތު މޮޅެތި ޚިޔާލުތަކަށް ފުރުސަތު ހުޅުވާލެވޭ މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ޑިޒައިނަކީ ތަފާތު، އާ ޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު، އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް އެ ޑިޒައިން ވެގެން ނުވާނެ ކަމަށެވެ.

މި މުބާރާތުން އެއް ވަނައަށް ދާ މީހަކަށް ހަތް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެ ވަނަ އަށް ދާ މީހަކަށް ދިނުމަށް ހަމަޖެހިފައިވަނީ ދެ ލައްކަ ރުފިޔާއެވެ. އަދި ތިން ވަނައަށް ދާ މީހަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ސެންޓަރުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނާ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާއަކާއި ރެކްރިއޭޝަނަލް އޭރިއާއެއް ހިމަނަންޖެހޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި މުބާރާތާބެހޭ މަޢުލޫމާތު، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، އޯގަސްޓް މަހުގެ 25 ވަނަ ދުވަހެވެ.

މުބާރާތާ ބެހެ އިތުރު މައުލޫމާތު ހޯދުމަށް، އަންނަ މަހުގެ ހަތެއްގެ ކުރިން، މިނިސްޓްރީގެ ރަސްމީ މެއިލް [email protected] އަށް މެއިލްއެއް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

comment ކޮމެންޓް