ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރޭ މާލޭގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

އިންދިކޮޅުން، "އިންޑިއާ އައުޓް"ގެ ނަމުގައި ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ރޭގެ މުޒާހަރާ ބޭއްވީ އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި އިތުރު މީހަކު ހައްޔަރުކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ ރޭ މުޒާހަރާއިން ހައްޔަރު ކުރީ ތިން މީހުން ކަމަށާއި ރޭގެ ވަގުތެއްގައި އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

https://sun.mv/164987

އިންޑިއާ އައުޓް ލިޔެފައިވާ ގިނަ އަދަދެއްގެ ބެނާތަކާއި ދިދަތަކާއެކު ރޭ 9:00ގައި މުޒާހަރާ ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ އޮފީސް ކުރިމަތީ ޝުއޫރު ފާޅުކުރަން ތިބުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މަޖީދީ މަގަށެވެ.

މަޖީދީ މަގުގައި މުޒާހަރާގެ ބައިވެރިން ތިއްބައި އެސްއޯ ފުލުހުން ވަނީ މުޒާރާ ރޫޅާލައިފައެވެ. ޕީޕީއެމްއިން ބުނާގޮތުގައި މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބޭނުން ފުލުހުން ކޮށްފައިވެއެވެ.

އިންޑިއާ އައުޓް ހަރަކާތާކީ ކުރިއަށް ނުގެންދެވޭނެ ހަރަކާތެއްކަމަށް ބުނެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ޤަރާރެއް ނެރުއްވާފައެވެ. އަދި ޤަރާރުގައި އެ އެހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ވަނީ އަމުރުކޮށްފައެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާބެހޭ ކޮމެޓީން ވެސް ވަނީ ނިންމާފައެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޤަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށޫއަރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރަކީ ބާތިލު ޤަރާރެއްކަަމަށް ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޕީޕީއެމްއިން ބުނަނީ ރައީސް ނެރުއްވާ ޤަރާރަކުން އެ ކެމްޕޭން ދެން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ "އިންޑިއާ އައުޓް" ލިޔެ ހަރުކޮށްފައި ހުންނަ ބެނާތައް ވެސް ނަގަމުންނެވެ. އަދި އިންޑިއާ އައުޓް ޖަހާފައި ހުރި ގުރެފިޓީތަކުގައި ފުލުހުން ވަނީ ކުލަ ވެސް ލައިފައެވެ.

comment ކޮމެންޓް