ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެތީ އެމަނިކުފާނު ޖެހިލުންވެވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެތީ އެމަނިކުފާނު ޖެހިލުންވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު ވަނީ މަޖިލީހުގެ ތަޅުން ހިޞާރުކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ އެ ކޯލިޝަނުން އެކަމަށް ތާއީދުކުރާނަންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން އާދަމް ޝަރީފު ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރަން ވޯޓުނަގައިފިނަމަ ވަގުތާއި ހާލަތަށް ބަލައި، އެކަމަށް އެ ކޯލިޝަނުން ތާއީދު ކުރާނެކަމަށެވެ.
"ރައީސް ނަޝީދުގެ މައްސަލަތައް އެޖެންޑާ ކުރެވިއްޖެނަމަ އަޅުގަނޑުމެން ބަލާނީ ރައީސް ނަޝީދުގެ މައްޗަށް އަޅުގަނޑުމެން ތާއީދު ކުރާނީތޯ ނުވަތަ ނޫންތޯ. އެކަމުގަ މުޅި ގައުމަށް އެންމެ ފައިދާވާނީ ރައީސް ނަޝީދު އެ މަގާމުގަ ބެހެއްޓުމަށް އަޅުގަނޑުމެން ތާއީދުކޮށްގެންތޯ. އެންމެ ރަނގަޅުގޮތަކީ ބަހައްޓައިން ކަމުގަ ވެއްޖެއްޔާ އަޅުގަނޑުމެން ތާއީދުކުރާނީ އެގޮތަކަށް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ރައީސްގެ ބާރުނުހިނގާކަމަށެވެ. އަދި އެކަން މަޖިލީހުގެ ރައީސްއަށް ވެސް މިހާރު އިހުސާސްވާނެކަމަށް އޭނާ ވިދާޅިވިއެވެ.
"ރައީސް ނަޝީދު ބޭނުންފުޅުވެގެން މަޖިލީހުގެ ތަޅުމަށް ވައްދާ މައްސަލަތައް ބޭރުވަނީ އެމްޑީޕީގެ މެމްބަރުން އެކަމަށް ބޭނުންފުޅު ނުވާތީ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށްދިން ހަމަލާއަށްފަހު އެމަނިކުފާނަށް ނަފްސާނީގޮތުން ވެސް ބިރުވެރިކަން ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނީ ޒިންމާ އަދާކުރަން މިތަނަށް [މަޖިލީހަށް] ވަޑައިގެންނެވި ނަމަވެސް އޭގެ އިތުރުން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އާދަމް ޝަރީފު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވިި އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރުގެ "މައުތް ޕީސް" ތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރުމަށްޓަކައި މަޖިލިސް މެމްބަރުންނަށް ވަޒީފާގެ ފުރުސަތުތައް އެބަ ދެއޭ، ސަރުކާރުން އެބަ ދެއޭ ބައެއް މަޖިލިސް މެމްބަރުންނަށް ލޯނުތަކާއި އެއްޗިހި. އެހެންވީމަ މަޖިލީހުގެ މެމްބަރުން މިވަނީ މި ސަރުކާރުން ބޭނުން ގޮތަކަށް ކޮންޓްރޯލް ކޮށްފައޭ،" އޭނާ ވިދާޅުވިއެވެ.