ރައީސް ނަޝީދުގެ ތުހުމަތާ ގުޅިގެން ޗެޓް ލޮގްގެ ކޮޕީއެއް ދިނުމަށް ކޮމިޓީން ފާސްކޮށްފި

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) --- މަޖިލިސް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ހުރަސްއަޅުއްވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން މެންބަރު ހޯއްދެވުމަށް އެދިވަޑައިންނެވި މެސެޖުތަކުގެ ކޮޕީއެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ތަހުގީގަށް އެ މެސެޖުތަކުގެ ކޮޕީ މެންބަރު އަދުން ޙުސައިނަށް ދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މެންބަރުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދެވެ. އެ މައްސަލަ ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޓީން އެކަން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މި މަހުގެ އަށް ވަނަ ދުވަހުގެ 19:01 އިން 20:26 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވާފައިވާ މެސެޖްތަކުގެ ކޮޕީ ހޯއްދެވުމަށްއެދި މެންބަރު ޝަހީމް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށްފަހުގައެވެ.

މެންބަރު ޝާހިދު ވިދާޅުވީ އެ ބޭފުޅަކު ލިޔުއްވާ މެސެޖްތަކުގެ ޒިންމާ އެ މެސެޖެއް ލިޔުއްވާ ބޭފުޅަކަށް ނެގެން ވާނެ ކަމަށެވެ. މެންބަރު އެހެން ވިދާޅުވެފައިވާއިރު "ޒިންމާ ނަގަން ޖެހޭ މީހާ"ގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައިވަނީ ރައީސް ނަޝީދު ކަމަށް ބެލެވެއެވެ.

"ރަސްމީ ގްރޫޕެއްގައި ވިޔަސް އަދި އެހެން ގްރޫޕެއްގައި ވިޔަސް އެ ލިޔުއްވާ ބޭފުޅަކު އެ ލިޔުއްވަނީ އެ ޒިންމާ ނެންގެވޭނެތީ،" މެންބަރު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ވެސް މި މައްސަލަ ދިރާސާ ކޮށްފައިވެއެވެ.

އަދި އެއީ ތިންވަނަ ފަރާތެއްގެ މަސްލަޙަތު ހިމެނޭ ކަމަކަށްވާތީ ތަހުގީގީ އިދާރާއަކުން އެދިއްޖެ ޙާލަތެއްގައި އެ މެސެޖްތައް ދިނުން ރަނގަޅުކަމަށް ފެންނަކަމަށް ވޯޓަށް އެއްސެވުމުން ފާސްވުމަށް ބޭނުންވާ ވަރަށް ވޯޓު ނުލިބުމުން އެ ބައްދަލުވުމުގައި އެ ކަން ފާސްވެފައެއް ނުވެއެވެ.

comment ކޮމެންޓް