ސައޫދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ސައުދީ އިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާއިން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފިއެވެ.

ސައޫދީން ދީފައިވާ 50 ޓަނު ކަދުރު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ 25،000 ޕެކެޓް ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެންމެ ފުރަތަމަ ކަދުރު ބަހާނީ ފަގީރުންނަށް ކަމަށެވެ. އެއީ ގޭބިސީއަކަށް ޕެކެޓެއްގެ އުސޫލުންނެވެ.

އޭގެ ފަހުގައި، ފުރަތަމަ ބަލައި ދާ ތަރުތީބުން، ބާކީ ގޭބިސީތަކަށް ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރުކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދުގެ މީހުންގެ ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގައި ނަމަ، ކައުންސިލްތަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލާ ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް ހަނދާން ކޮށްދީފައެވެ.

އެހެންކަމުން މި މަހުގެ ނިޔަލަށް، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި، ހެނދުނު 8:45ން މެންދުރު 2:00އަށް އިސްލާމިކް އެފެއާޒަށް ގޮސް، ކަދުރާ ހަވާލުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. ނަމަވެސް މިއަހަރު ރަމަޟާން މަހަށް ހަދިޔާކުރި ކަދުރު ރާއްޖެއަށް ލިބިފައި މިވަނީ ރަމަޟާން މަސް ނިމުނު ފަހުންނެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނީ ސައުދި އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު ލިބޭނީ ރޯދަމަހުގެ ފަހުދިހައިގައި ކަމަށެވެ.

އޭރު "ސަން"އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢީލް އަފްރާހު ވިދާޅުވީ ކަދުރުލިބުން މިއަހަރު ލަސްވާ ސަބަބެއް ނޭނގޭ ކަމަށެވެ.

އާންމުކޮށް ސައުދީން ރާއްޖެއަށް ހަދިޔާކުރަނީ 50ޓަނުގެ ކަދުރެވެ. މިއަހަރު ވެސް ސައުދީން ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް މިދިޔަ އަހަރު ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ.

comment ކޮމެންޓް