ސްރީލަންކާއަށް ފައިސާ ހޯދުމުގެ މެދުވެރިއަކަށް ރައީސް ނަޝީދު ހަމަޖައްސަވައިފި

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ޤައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު މިއަދު "ސަން"އަށް ވިދާޅުވީ ސްރިލަންކާގެ ބޮޑުވަޒީރުކަމާ ދާދި ފަހުން ހަވާލުވެވަޑައިގަތް ރަނިލް ވިކްރަމަސިންހަ މިއަދު ރައީސް ނަޝީދަށް ފޯނުން ގުޅުއްވިކަމަށެވެ.

އެ ފޯނު ކޯލުގައި ދެ ބޭފުޅުން ސްރީލަންކާގެ ހާލަތާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި އެ ޤައުމަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް ޓަކައި ރައީސް ނަޝީދުގެ އެހީތެރިކަން ބޭނުންވާކަމަށް ރަނިލް ވިދާޅުވިކަމަށް، ޒިޔާއު ވިދާޅުވިއެވެ.

އެހެންކަމުން، ރަނިލް އެދިލެއްވި ގޮތަށް، ލަންކާއަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ކޮވިޑް-19އިން ސަލާމަތްވުމަށް ޓަކައި ލަންކާއިން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ދެ އަހަރެއްހާ ދުވަހަށް އެ ގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުމުން ފަތުރުވެރިކަން ހުއްޓި، އެ ގައުމު ވަނީ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

އޭގެ ސަބަބުން ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ތަކެތި ލިބުން ދަތިވުމުން، މިދިޔަ މާޗް މަހު ލަންކާގެ ސަރުކާރާ ދެކޮޅަށް ވަނީ ސިލްސިލާ މުޒާހަރާތައް ފަށާފައެވެ.

އެ މުޒާހަރާތައް މިދިޔަ ހަފްތާގައި ހޫނުވެ، ހަމަނުޖެހުންތައް އުފެދުމުން މި މަހުގެ ނުވައެއްގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއަށް ފަހު، ރަނިލް އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އިގުތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ލަންކާއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރަން މަދުވެގެން 3.5 ނުވަތަ ހަތަރު ބިލިއަން ޑޮލަރު އެއް ފަހަރާ އެގައުމަށް ބޭނުންވެއެވެ.

ލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒާވް މިހާރު 50 މިލިއަން ޑޮލަރަށް ވުރެ ދަށްވެފައިވާ އިރު އެގައުމުން މިއަހަރު އެކަނިވެސް ބޭރުގެ ދަރަނީގެ ގޮތުގައި ހަތް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި އެގައުމުގެ ބޭރުގެ ދަރަނިތަކުގެ ޖުމްލަ އަދަދު ވަނީ މިހާރު 51 ބިލިއަން ޑޮލަރަށް އަރާފައެވެ.

comment ކޮމެންޓް