ކަނިމީދޫ ރިސޯޓު ހަދަން ފެށޭނެ ތާރީހެއް ނޭނގެ: މިނިސްޓަރު މަޢުސޫމް

ޓޫރިޒަމް މިނިސްޓަރު މައުސޫމް ރައްޔިތުން މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ތ. ކަނިމީދޫގައި ސަރުކާރުން ޤާއިމުކުރަން ވައުދުވެފައިވާ ރިސޯޓުގެ މަސައްކަތް ފެށޭނެ ތާރީޚެއް ކަނޑައެޅިގެން ދަންނަވަން ނޭނގޭކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކަނިމީދޫ ތަރައްޤީކުރުމަށް މަޝްވަރާކުރަމުން ދާކަމަށާއި އަވަސް ގޮތެއްގައި މަސައްކަތް ފެށިގެން ދިޔުމަކީ އެ މިނިސްޓްރީން ވެސް އެދޭގޮތް ކަމަށެވެ.

"ސީދާ ތާރީޚެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެ. އެއީ ބަޔަކާއެއްކޮށް މަޝްވަރާކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަަށް މި ގެންދަނީ. އެ މަސައްކަތް ކާމިޔާބު ވެއްޖެނަމަ ވަރަށް އަވަހަށް މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސުވާލުކުރުމަށް ހުޅުވައިލި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވަނީ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ރިސޯޓުތަކުގެ ޖުމްލަ އަދަދާއި އެ ރިސޯޓުތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ދަފްތަރެއް އެކުލަވާލައިފައިވޭތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގައި އެ މައުލޫމާތު އަދި ނެތްކަމަށާއި ރިސޯޓުތަކާއި ގުޅައިގެން އެ މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި އެތައް ސަތޭކަ ރަށެއް އޮތް އިރު ވެސް، ރިސޯޓު ހަދަން މާލެ އަތޮޅުގެ ފަޅުތަކާއި ފަރުތަކާއި ފިނޮޅުތައް ހިއްކާތީ އެ ކަމުގެ ކަންބޮޑުވުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ވަނީ ފާޅުކުރައްވާފައެވެ.

މެންބަރުުގެ ކަންބޮޑުވުން ބަލައިގަންނަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމާއި ތިމާވެއްޓަކީ ވަކި ނުކުރެވޭނެ ދެ އެއްޗެއް ކަމަށާއި މިހާރުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރަށްރަށް ހިއްކަން ލާޒިމް ނުކުރާ ކަމަށެވެ. އަދި މެމްބަރު ނަސީމު ފާހަގަ ކުރެއްވި ކަންކަމަށް ވިސްނައިގެން ފަތުރުވެރިކަން ފުޅާކުރަން މަސައްކަތްކުރުން މުހިންމު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަކީ ޢީދު ޗުއްޓީއަށްފަހު ކުރިއަށް ގެންދެވުނު ފުރަތަމަ ޖަލްސާއެވެ.

އަދި މިއަދުގެ އެޖެންޑާގައި އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

comment ކޮމެންޓް